ވޯލްޑް ކަޕްގައި އިރާން ކުޅޭ ފުރަތަމަ މެޗުގެ ކުރިން، އެ ގައުމާ އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުން އިއުލާން ކުރި ނަމަވެސް އިރާނުގެ މެޗަށް ސިޔާސީ ހޫނުގެ އަސަރު ކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ މުޅިން ނިންމާލައި މިއަދު ވަނީ ސުލްހައިގެ އެއްބަސްވުން އިއުލާން ކޮށްފަ އެވެ. އެމެރިކާ އާއި އިރާނާ ދެމެދުގައި ސުލްހައިގެ އެއްބަސްވުން އިޢުލާންކުރީ އީރާން ޓީމު އެމެރިކާއަށް ލޭންޑްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް، މުބާރާތް ބާއްވާ ޤައުމަކުން އެ ޤައުމަކާ ދެކޮޅަށް ހަނގުރާމައިގެ ޙާލަތެއްގައި އޮތް ޤައުމެއްގެ ޓީމަކަށް މަރްހަބާ ކީ ފުރަތަމަ ފަހަރެވެ.
ސުލްހައިގެ އެއްބަސްވުމާ އެކު ހަނގުރާމަ ނިންމިކަން އިއުލާން ކުރީ އެވެ. އެކަމަކު އަދިވެސް އޮތް ސިޔާސީ ނުތަނަވަސްކަމުގެ އަސަރު އެބައޮތެވެ. ވޯލްޑް ކަޕްގައި ވާދަކުރާ އިރާނުގެ ޓީމަށް ވެސް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
ނަމަވެސް އިރާނުގެ ޓީމުގެ ބޭސް، އެމެރިކާގެ ފަސްގަނޑުގައި ބަހައްޓަން އެމެރިކާއިން ހުއްދައެއް ނުދިނެވެ. އެންމެ ފަހުން އިރާނަށް ޖެހުނީ އެމެރިކާ އާއި މެކްސިކޯ އެއް ބޯޑަރަކުން ގުޅުވައިދޭ މެކްސިކޯގެ ޓައިވާނާ ސިޓީގައި ކޭމްޕް ކުރާށެވެ.
އެމެރިކާ އަށް ޓީމު ދަތުރު ކުރާނީ މެޗަށް އެކަންޏެވެ. މެޗު ނިމުމުން އަނެއްކާވެސް މެކްސިކޯ އަށް ޓީމު އެނބުރިދާނެ އެވެ.
އެ ޓީމުގެ ފޯވާޑް މަހްދީ ތަރޭމީ ބުނީ އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން، ފީފާއިން ދޭން ބޭނުންވާ ޞުލްޙައިގެ މެސެޖަށް ހުރަސް އެޅި އޭގެ އަސަރު ވޯލްޑް ކަޕަށް ވެސް ކޮށްފައިވާ ކަމަށެވެ.
ދި ގާޑިއަންއިން ބުނި ގޮތުގައި އެމެރިކާގައި ދިރިއުޅޭ އިރާނުގެ ގިނަ ބަޔަކު ދެކެނީ މި ޓީމަކީ ޤައުމު ރަމްޒުކޮށްދޭ ޓީމެއް ނޫން ކަމަށެވެ. އެހެންކަމުން މެޗުތަކުގައި އަމިއްލަ ޤައުމުގެ ރައްޔިތުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި އިހުތިޖާޖުތަކެއް ކުރިމަތިވުން ގާތްކަމަށް ދި ގާޑިއަންއިން ލަފާ ކުރެ އެވެ.
އިރާން ފެޑެރޭޝަންގެ ބައެއް އިސްވެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވީސާވެސް ނުލިބުނެވެ.
"މިފަދަ ނުތަނަވަސްކަމުގެ ސަބަބުން ފުޓްބޯޅައިގެ އުފާވެރިކަން ކެނޑި، ފީފާ އާއި އަހަރެމެންގެ ރައްޔިތުން ބޭނުންވާ ސުލްހައިގެ މެސެޖަށް ބުރޫ އަރާ،" މަހްދީ ތަރޭމީ ބުންޏެވެ.
"އަހަރެން ހީކުރީ މި ވޯލްޑް ކަޕުން މިއަށްވުރެ ރަނގަޅު މާހައުލެއް ފެންނާނެ ކަމަށް. މި މައްސަލަ ދިމާވީ ހަމައެކަނި އީރާނަކަށް ނޫން، ސޯމާލިއާގެ ރެފްރީ އުމަރު އާތާން ހިމެނޭހެން އެހެން ޤައުމުތަކުގެ އޮފިޝަލުންނަށްވެސް ވީސާގެ މައްސަލަ ކުރިމަތިވި."
އީރާން ޓީމު ތިބޭ މެންހަޓަން ބީޗް ހޮޓަލަށް ދިޔުމާ އެކު، އެމެރިކާގައި ދިރިއުޅޭ އީރާނުގެ ބައެއް ރައްޔިތުން ވަނީ ހޮޓާ ދޮށަށް އެއްވެ މުޒާހަރާކޮށްފަ އެވެ. ކެލިފޯނިއާއަކީ އީރާނުން ބޭރުގައި އެ ޤައުމުގެ އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ އެއް ސަރަހައްދެވެ.
(ގާތްގަނޑަކަށް 375,000 އިރާނުގެ ރައްޔިތުން ކެލިފޯނިއާގައި ދިރިއުޅެ އެވެ.
މުޒާހަރާތަކާ ގުޅިގެން ހޮޓާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
އީރާނުގެ ކޯޗު އާމިރު ގަލީނީ ބުނީ، ކޮންމެ ފަދަ ޙާލަތެއް އޮތް ނަމަވެސް ލޮސް އެންޖެލިސްގައި އީރާން ކުޅޭއިރު ކުރެވޭނީ، އަމިއްލަ ދަނޑުގައި ކުޅޭ ފަދަ އިޙްސާސެއް ކަމަށެވެ. އޭނާ އުއްމީދު ކުރާގޮތުގައި އެމެރިކާގައި ދިރިއުޅޭ އިރާނުގެ ރައްޔިތުން، އެ ގައުމުގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވިޔަސް، އެ ގައުމުގެ ގައުމީ ޓީމު ކުޅޭ އިރު މެޗަށް ހާޒިރު ވާނެ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް 'ޖީ' އިރާނުން ފުރަތަމަ މެޗުގައި ނުކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު ހައެއް ޖަހާއިރު އެވެ. އެ މެޗަށް އިރާނުގެ 35,000 އެއްހާ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ.