ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވެފައިވާ މާހައުލެއްގައި ނިއުޒީލޭންޑާ ވާދަކޮށް އިރާން ދެ ފަހަރު ފަހަތުން އަރައި 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.
އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މެޗު ކުރިއަށްދިޔައީ އިރާނުގެ ސަރުކާރާ ދެކޮޅަށް، އެމެރިކާގައި ދިރިއުޅޭ އިރާނު ދަރިކޮޅުގެ މީހުން އިރާނުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފަޅުކުރަމުން ދިޔަ މާހައުލެއްގަ އެވެ.
މެޗުގެ ކުރީކޮޅު ނިއުޒީލޭންޑްގެ ކްރިސް ވުޑް ތަނަވަސްކޮށްދިން ފުރުސަތަކުން، އެލީޖާ ޖަސްޓް ވަނީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައި ދީފަ އެވެ. މި ލަނޑަށް ތަރުހީބު ދިނީ ނިއު ޒީލޭންޑްގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ.
އިރާނުގެ ސަރުކާރަށް ފާޑުކިޔާ ބައެއް ސަޕޯޓަރުން ވަނީ ނިއުޒީލޭންޑްގެ ސަޕޯޓަރުންނާ ބައިވެރިވެ އުފާފާޅު ވެސް ކޮށްފަ އެވެ. ސަރުކާރާ ދެކޮޅު މި ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފީފާގެ ގަވާއިދުތަކާ ހިލާފު ވެފަ އެވެ.
އިރާނުގެ އިންގިލާބުގެ ކުރިން، އެ ގައުމުގެ ދިދައިގެ ގޮތުގައި ބޭނުންކުރި "ލަޔަން އެންޑް ސަން" ދިދަ ހިފައިގެން ދަނޑަށް ވަނުން ފީފާއިން މަނާ ކުރި އެވެ. މީގެ އިތުރުން، މެޗު ފެށުމުގެ ކުރިން އިރާނުގެ ގައުމީ ސަލާމް ކިޔުނު ވަގުތު ވެސް ބައެއް ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފަ އެވެ.
ރާމިން ރެޒައިއާން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދިނުމުން މުޅި ދަނޑު ކެކިގެން ދިޔަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ވުޑް އާއި ޖަސްޓްގެ ކޮމްބިނޭޝަން އަނެއްކާވެސް ފެނިގެންދިޔަ އެވެ. ނިއު ޒީލޭންޑްގެ ކެޕްޓަން ވުޑް ދިން ޕާހަކުން، އުމުރުން 26 އަހަރުގެ ފޯވާޑް ޖަސްޓް ވަނީ ބާރު ހަމަލާއެއް ގޯލަށް ފޮނުވާލައި، ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.
ނަމަވެސް އިރާނުން އުއްމީދު ކަނޑައެއް ނުލަ އެވެ. އެ ޓީމުން ވަނީ މެޗުގެ ފަހުކޮޅު އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މި މެޗު އެއްވަރުވުމުން ގްރޫޕް ޖީ ގައި ހިމެނޭ ހުރިހާ ޓީމަކަށް މިހާރު ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ރޭ ކުޅުނު މެޗުގައި ބެލްޖިއަމް އާއި މިސްރު ވެސް 1-1 އިން އެއްވަރުވީ އެވެ. ވޯލްޑް ކަޕްގައި ތިންވަނަ ފަހަރަށް ވާދަކުރާ ނިއު ޒީލޭންޑަށް، މިހާތަނަށް ވޯލްޑް ކަޕްގެ މެޗަކުން މޮޅުވެވިފައެއް ނުވެ އެވެ.
އިރާނުން އޮތް މަސައްކަތަކީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމެވެ.