އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިރާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިސާގެ އަދިވެސް ހަމަނުޖެހޭ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
އިރާން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، ވިސާގެ މައްސަލައިގައި ފީފާއާ އެކު މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ފީފާއާ އެކު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް ބާއްވާނަން. ވިސާގެ މައްސަލަ އަދިވެސް ހައްލުނުވާތީ. އެ އިދާރާއިމް އަހަރެމެންނަށް ގެރެންޓީ ދޭންޖެހޭނެ،" ތާޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިސާ ލިބުނީ ޓީމުގެ ކޮން މެންބަރުންނަށް ކަމެއްވެސް އަދި މިހާތަނަށް އެމެރިކާގެ ފަރާތުން އަންގާފައި ނުވާ ކަމަށެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމަށް ތުރުކީގައި، އިރާނުން ޓްރޭނިން ކުރިއަށް އެބަގެންދެ އެވެ. ވިސާގެ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި އިރާންގެ ކުޅުންތެރިން ފިންގަރޕްރިންޓް ޖެހުމަށް ތުރުކީގެ އަންކާރާއަށް ދާން ޖެހޭނެ އެވެ. އެ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ދަނީ އަނަޓޯލިޔާގަ އެވެ. އެކަން އަނަޓޯޔާގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
"ވިސާގެ ކަންކަމުގައި ކުޅުންތެރިން ފިންގަރޕްރިންޓް ޖެހުމަށް އަންކާރާއަށް ދާންޖެހޭ. އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންކާރާއަށް ނުގޮސް އަނަޓޯޔާގައި އެކަން ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް،" ތާޖް ވިދާޅުވި އެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ ފެބްރުއަރީ 28 ވަނަ ދުވަހު އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ގަލްފް ސަރަހައްދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ނަމަވެސް އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ވަގުތީ ސުލްހައެއް ގާއިމުކުރެވިފަ އެވެ.
މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް އިރާނުން ވަނީ ވޯލްޑް ކަޕަށް ފުރާ ޓީމަށް ހާއްސަ ވަދާއީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މުބާރާތުގެ ތެރޭގައި އިރާން ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގަ އެވ. އިރާން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް ނުކުންނާ އެވެ. ގްރޫޕް ޖީގައި ދެން އެޓީމާ އެކު އޮތީ ބެލްޖިއަމް އަދި މިސްރެވެ.