އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މިއަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް އިރާނުން ނުދާނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔަމާލީ ވިދާޅުވެއްޖެއެވެ.
އިރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔަމާލީ ވިދާޅުވީ، އެމެރިކާގެ "އިސްތިއުމާރީ ސަރުކާރުން" އީރާނުގެ މީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ފަސްގަނޑުގައި ކުޅޭ މުބާރާތެއްގައި ބައިވެރިވުމުގެ އެއްވެސް މާހައުލެއް އިރާނުގެ ޓީމަށް ނެތް ކަމަށެވެ.
"އިރާނާ ދެކޮޅަށް އެމީހުން ހިންގާފައިވާ ނުބައި އަމަލުތަކުގެ ސަބަބުން - (ބަލާ) އެމީހުން ވަނީ އެންމެ އަށް މަސް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި އަހަރެމެންގެ މައްޗަށް ދެ ހަނގުރާމައެއް ކުރިމަތިކޮށްފަ. އަހަރެމެންގެ އެތައް ހާސް ރައްޔިތުންނެއް މަރައި ޝަހީދުކޮށްލާފައި - އެހެންކަމުން، ޔަގީނުން ވެސް އަހަރެމެންނަށް ވޯލްޑް ކަޕުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އިރާނުގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އިރާނުގެ 1,200 އަށް ވުރެ ގިނަ އާންމުން މަރާލާފައިވާއިރު، އިރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި އެއްވެސް ރައްކާތެރިކަމެއް އޮތް ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލި ބަޔަކާ އެކު، އެއްވެސް ހާލަތެއްގައި ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ޝަރުތުތަކެއް ފުރިހަމައެއް ނުވޭ،" ޔަމާލީ ވިދާޅުވިއެވެ.
ވޯލްޑް ކަޕަށް ނުދާނެކަން ސްޕޯޓްސް މިނިސްޓްރަރު އިއުލާން ކުރެއްވީ އިރާނުގެ ޓީމަށް މަރުހަބާ ކިޔާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާކަމަށް ބުނެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާމަކުރައްވާފައި ވަނިކޮށެވެ.
ނަމަވެސް އިރާނުގެ ސަރުކާރުގެ މި ނިންމުމާއެކު، މުބާރާތުގެ ގްރޫޕް 'ޖީ' ގައި ނިއުޒީލޭންޑް، ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް ކުޅެން އޮތް އިރާނުގެ މެޗުތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަކު އަދި މިހާތަނަށް އިރާނުގެ ފުޓްބޯޅަ އިދާރާއިން ރަސްމީ އެއްވެސް އެންގުމެއް ފީފާ އަށް އަންގައިފައެއް ނުވެ އެވެ.
އިރާނުން މުބާރާތުން ވަކިވެއްޖެ ނަމަ، ފީފާގެ ގަވާއިދުގެ ހަ ވަނަ މާއްދާގެ ދަށުން އެ އިދާރާއަށް ދެ ގޮތަކަށް އަމަލުކުރެވިދާނެ އެވެ.
ފުރަތަމަ ގޮތަކީ؛ އިރާނުގެ މެޗުތައް ކެންސަލްކޮށް ގްރޫޕްގެ ބާކީ ތިން ޓީމުގެ މެދުގައި އެ ގުރޫޕްގެ މެޗުތައް ކުރިއަށް ގެންދިއުމެވެ.
ދެވަނަ ގޮތަކީ؛ އިރާނުގެ ބަދަލުގައި އެހެން ގައުމަކަށް ފުރުސަތު ދިނުމެވެ.
ބަދަލުގައި ފުރުސަތު ދޭނެ ގައުމެއް ކަނޑައެޅުމުގައި އޭޝިއާގެ ކޮލިފައިންގެ ނަތީޖާތަކަށް ބަލާނެ އެވެ. ކޮލިފައިންގައި ނާކާމިޔާބުވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމަކަށް ފުރުސަތު ދެވިދާނެ އެވެ. އެ ލިސްޓްގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި އިރާގު އެބައޮތެވެ. އިރާގު އޮތީ އިންޓަ ކޮންޓިނެންޓަލް ކޮލިފައިން ޕްލޭއޮފްގަ އެވެ. އެ މަރުހަލާއިން އެ ޓީމަށް ކާމިޔާބުވެއްޖެނަމަ އެ ފުރުސަތު އެރަން އެމިރޭޓްސް އަށް ދީފާނެ އެވެ.
ނަމަވެސް، މުބާރާތް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވުމުން، ބަދަލުގައި ޓީމެއް ހޯދުމަކީ ފީފާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެހެންވެ ބަދަލުގައި ޓީމެއް އިހްތިޔާރު ނުކުރުމަކީ އަމަލުކުރާނެ ކަމަށް ބެލެވޭ އެންމެ ގާތް ގޮތެވެ.
ވޯލްޑް ކަޕްގައި އިރާނުން ބައިވެރި ނުވެއްޖެނަމަ އެ ގައުމު ވެގެންދާނީ 1950 ގެ ފަހުން ވޯލްޑް ކަޕްގެ ފުރުސަތު ދޫކޮށްލާ ފުރަތަމަ ގައުމަށެވެ.