ވޯލްޑް ކަޕް ޓިކެޓް ވިއްކުމުގައި ފީފާއިން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް އެ އިދާރާއާ ދެކޮޅަށް މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ނިއުޔޯކާއި ނިއު ޖާޒީގެ ބަންޑާރަނައިބުންގެ އޮފީހުން އަންގައިފި އެވެ.
ނިއުޔޯކް އަދި ނިއު ޖާޒީގެ އެޓާނީ ޖެނެރަލުން ގުޅިގެން ފީފާގެ މައްސަލަ ތަހުގީގު ކުރަން ފެށީ ޓިކެޓް ވިއްކުމުގެ ކެޓަގަރީތައް އޮޅުން އަރާގޮތަށް ހުރުމާއި ފަހުން ޓިކެޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެންނެވެ.
އަންނަ މަހު 11 ގައި ފަށާ މުބާރާތުގެ އަށް މެޗު ނިއުޔޯކްގެ އެންމެ ބޮޑު ސްޓޭޑިއަމް މެޓްލައިފްގައި ކުޅޭނެ އެވެ. ނިއުޔޯކާއި ނިއު ޖާޒީ ހިއްސާ ކުރާ އެ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކަށް ޓިކެޓް ވިއްކުމުގައި ފީފާއިން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރީ އާންމުންގެ ޝަކުވާތަކާ ގުޅިގެންނެވެ.
ނިއުޔޯކްގެ ބަންޑާރަނައިބު ލެޓީޝިއާ ޖޭމްސް އާއި ނިއު ޖާޒީގެ ބަންޑާރަނައިބު ޖެނިފާ ޑެވެންޕޯޓްގެ އ打ފީސްތަކުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ އަށް މެޗުގެ ޓިކެޓް ދޫކުރި ގޮތުގެ ތަފްސީލު ދޭން ފީފާގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށެވެ.
"މި ތަހުގީގުގައި، ފީފާގެ ޓިކެޓް ވިއްކުމުގެ ތެރޭގައި ކުރިމަތިވި ބޮޑެތި މައްސަލަތަކެއް ބަލާނެ،" ބަޔާނުގައިވެ އެވެ.
ސްޓޭޑިއަމްގެ މެޕްތަކުގެ ސަބަބުން އޮޅުންއެރި ކަމަށް ބުނާ ސަޕޯޓަރުންގެ ޝަކުވާތައް އެ ތަހުގީގުގައި ބަލާނެ އެވެ. އަދި މިލިއަނުން ޓިކެޓް ވިއްކި ފަހުން އަގުބޮޑު ފްރަންޓް ރޯ (ކުރީ ބަރީގެ) ކެޓަގަރީއެއް ފީފާއިން ފަހުން ހެދި ކަމަށް ތުހުމަތު ކުރެ އެވެ. އަދި ޓިކެޓް ވިއްކުމުގެ އުސޫލުތަކާއި އަގުތައް ކަނޑައެޅުމުގައި ފީފާއިން ދެފުށް ފެންނަ ގޮތަށް ކަންކަން ކޮށްފައިނުވާ މައްސަލަ ވެސް ބަލާނެ ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.
ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯލްޑް ކަޕްގެ އެހެން މުބާރާތްތަކަށް ވުރެ މި ފަހަރުގެ މުބާރާތުގައި ޓިކެޓް އަގު ބޮޑުވުމެވެ. އެ ކަންބޮޑުވުން އެގޮތަށް ހުއްޓައި އެކި މުއްދަތުތަކުގައި ޓިކެޓްގެ އަގު އިތުރަށް މައްޗަށް ޖެއްސި އެވެ.
ޓިކެޓްގެ ބޮޑު އަގުތަކާ ބެހޭގޮތުން ފީފާއިން ބުނީ އެމެރިކާގައި ކުޅޭ އެހެން ކުޅިވަރުތަކަށް ޓިކެޓް ވިއްކާ އަގުތަކާ އަޅާކިޔުމުން، ވޯލްޑް ކަޕްގެ ޓިކެޓް އަގުބޮޑު ނޫން ކަމަށެވެ.
އޮންލައިންކޮށް ޓިކެޓް ވިއްކަން ފީފާއިން ހެދި ޕޯޓަލްގައި ކުލަކޮށްފައިވާ މެޕްތަކުން ކެޓަގަރީތައް ވަކިކޮށްފައި ހުއްޓެވެ. ނަމަވެސް ދި އެތުލެޓިކް ނޫހުން ބުނީ އެކި މަރުހަލާތަކުގައި މެޕްތަކަށް ފީފާއިން ބަދަލު ގެނައި ކަމަށެވެ. އަދި މިދިޔަ މަހު ސީދާ ސީޓުތައް ކަނޑައެޅިއިރު، ބައެއް ސަޕޯޓަރުންނަށް ސީޓު ލިބުނީ އަސްލު ޓިކެޓް ގަތް ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީއަކުންކަން ވެސް ސަޕޯޓަރުން ބުނާ ކަމަށް ދި އެތުލެޓިކުން ބުންޏެވެ. އެއީ އެ ސަޕޯޓަރުން ޓިކެޓް ގަތް ފަހުން ކެޓަގަރީތަކަށް ބަދަލު ގެނައުމުން ވީގޮތެކެވެ.
ފީފާގެ ޕޯޓަލްއިން ފުރަތަމަ ދެއްކި މެޕުން ކެޓަގަރީ އެކެއްގެ ތެރޭގައި ސްޓޭޑިއަމްގެ މެދުތެރެއިން ޖާގަ ލިބެ އެވެ. އެ ކެޓަގަރީއަކީ ސްޓޭޑިއަމްގެ އެންމެ ރަނގަޅު ސަރަހައްދެވެ. އެކަމަކު ފަހުން ގެނައި ބަދަލާ އެކު އެއީ އެންމެ ރަނގަޅު ސަރަހައްދު ނޫންކަން މެޕްތަކުން އެނގުނު ކަމަށް ދި އެތުލެޓިކުން ބުންޏެވެ. އެންމެ ރަނގަޅު ސަރަހައްދުގެ ސީޓުތަކުން، ޓިކެޓެއްގެ އަގަކީ 2،750 ޑޮލަރާއި 6,000 ޑޮލަރާ ދެމެދުގެ އަގުތަކެކެވެ. އެ ޓިކެޓްތައް ވިއްކަނީ ހޮސްޕިޓާލިޓީ ޕެކޭޖުތަކުގެ ގޮތުގަ އެވެ.
"ޓިކެޓް ވިއްކުމުގައި ތެދުވެރިވުމަކީ އުނދަގޫ ކަމެއް ނޫން،" ނިއު ޖާޒީގެ ބަންޑާރަނައިބު ޑެވެންޕޯޓް ބުންޏެވެ.
"އެކަމަކު ފީފާ އިން ވަނީ ވޯލްޑް ކަޕް ޓިކެޓް ގަތުން އޮޅުންބޮޅުން ބޮޑު އަދި އަގު ނުއުފުލޭ ވަރުގެ ކަމަކަށް ހަދާފައި. މިއީ ކޮންސިއުމަރުންނަށް ދިން ދެރައެއް."
މިއީ ވޯލްޑް ކަޕްގެ ޓިކެޓްގެ މައްސަލައަކާ ގުޅިގެން މިހާތަނަށް ހިންގާ އެންމެ ސީރިއަސް ތަހުގީގު ކަމަށް ބެލެވެ އެވެ.