ފީފާ ވޯލްޑް ކަޕްގައި ރާއްޖޭ ގަޑިން އަންގާރަ ހެނދުނު އިރާނުން އެމެރިކާގެ ފަސްފަނޑުގައި ނިއުޒިލެންޑާ ވާދަކޮށް 2-2 އިން އެއްވަރުވި މެޗަށް ފަހު،  އަނބުރާ މެކްސިކޯއަށް ހިނގައްޖެހިއްޖެ އެވެ.

މެޗުން ރިކަވާ ވާނޭ ވަގުތެއް ވެސް ޓީމުގެ ކުޅުންތެރިންނަށް ނުލިބުނެވެ.

ޔޫއެސްގެ ވިސާ ލިބުން އުނދަގޫވި މައްސަލައިގައި އިރާނުން ވަނީ ފަހު ވަގުތު، އެމެެިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިޖުއާނާގައި ބޭސްވެ ތިބުމަށް ނިންމައިފަ އެވެ.

އިރާނުގެ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކުޅެން އޮތީ އެމެރިކާގަ އެވެ. އެ ޓީމު ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރު ކުރުމަށް ފަހު މެޗު ނިންމާ ގޮތަށް އަނބުރާ މެކްސިކޯއަށް ދާން ޖެހެ އެވެ. މިކަމާ ގުޅިގެން އިރާންގެ ކޯޗު، އާމިރު ޣަލެނޯއީ ބުނީ މިއީ އެ ޓީމަށް ކުރެވޭ ބޭއިންސާފެއް ކަމަށެވެ.

"އަހަރެމެން އަސްލު ދަތުރު ކުރުމުގެ ބަދަލުގައި މިތާ މަޑުކޮށްފަ މާދަމާއަށް އެބަ ޖެހޭ ރިކަވާ ވާން. އެކަމަކު އަހަރެމެންނަކަށް ހުއްދައެއް ނެތް. ނޭނގޭ ކީއްވެ ކަމެއް، އަހަރެން ދެކޭ ގޮތުގައި މި ވޯލްޑް ކަޕްގައި އެންމެ ބޭއިންސާފުން ހިދުމަތްތައް ލިބޭ ބަޔަކަށް އަހަރެމެންގެ ޓީމު ވާނެ،" އޭނާ ބުންޏެވެ.

އިރާންގެ ފޯވާޑް މަހްދީ ތަރޭމީ ވެސް ވަނީ އިރާން ޓީމަށް ކުރިމަތިކުރުވާ ފިއްތުންތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މި ކަންކަމުގެ ސަބަބުން ޓީމުގެ ކުޅުމަށް އަސަރު ކުރާ ކަމަށެވެ.

"މިއީ އަހަރެމެންނާ މެދު އަމަލު ކުރަން ވާނޭ ގޮތެއް ނޫން. މިއީ ފުޓްބޯލައަށް ވެސް ލިބޭ ގެއްލުމެއް. ފީފާއިން އަހަރެމެންނަށް މިއަށް ވުރެ ބޮޑަށް އެހީ ވާން ޖެހޭ،" ތަރޭމީ ބުންޏެވެ.

މެޗު ކުޅޭ ދުވަހު އެމެރިކާއަށް އައިސް، ހުރިހާ ކަމެއް ކުރުމުގެ ބަދަލުގައި މާހައުލަށް ހޭނެން ދެ ދުވަސްވަރު އިރާން ޓީމަށް ދޭން ވާނެ ކަން އޭނާ ބުންޏެވެ.

ކޯޗު ޣަލެނޯއީ ވަނީ އޭނާގެ ޓީމުގެ ބައެއް ސްޓާފުން ނެތުމުގެ އުނިކަން ވެސް ޓީމަށް ދިމާވެފައި ވާކަމަށެވެ. އެގޮތުން ބައެއް އޮފިޝަލުންނާއި ޓީމުގެ މީޑިއާއަށް ވެސް ވިސާ ނުލިބޭތީ ޓީމާ އެކު ބައިވެރިވެވޭ ގޮތް ވަނީ ނުވެފަ އެވެ.