ވެންކޫވާ (ޖުލައި 3) - ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަ ކުރާ ބުރުން ސްވިޒަލެންޑް އަތުން 2-0 އިން އަލްޖީރިއާ ބަލިވީ ސީރިއަސް ގޯސްތަކެއް ހެދިގެން ކަމަށް އެ ޓީމުގެ ކޯޗު ވްލަޑިމިރް ޕެޓްކޮވިޗް ބުނެފި އެވެ.

ސްވިޒަލެންޑުން ވަނީ އަވަސް ކައުންޓާ އެޓޭކެއްގައި 10 ވަނަ މިނިޓުގައި ބްރީލް އެމްބޫމޫގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ދެވަނަ ހާފު ފެށިގޮތަށް ޑޭން އެންޑޮޔޭ ވަނީ ސްވިޒަލެންޑްގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

"އަހަރެން ސީދާ ނުބުނާނަން ޑީފެންސުގައި ވަކި މީހެއްގެ މައްސަލައެކޭ ނުވަތަ މުޅި ޑިފެންސްގެ މައްސަލައެކޭ ވެސް. އެކަމަކު ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅަށް ޑިފެންސް ނުކުރެވުމުގެ ނަތީޖާ މި މެޗުން މި ލިބުނީ،" ޕެޓްކޮވިޗް ބުންޏެވެ.

"އަހަރެމެން އަތުން ކޮންމެ ފަހަރަކު ހެދޭ ފުރަތަމަ ގޯހުން ކޮޅަށް ގޯލެއް އެބަ ވަދޭ. އިދިކޮޅު ޓީމަށް ލިބުނު ތިން ފުރުސަތުން ދެ ފުރުސަތުގަ ގޯލު. އެމީހުނަށް ވުރެ ގިނަ ފުރުސަތު އަހަރެމެންނަށް ލިބުނު، އެކަމަކު ނަތީޖާއިން އެކަން ނުފެނުނު."

އަލްޖީރިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗަށް ފަހު.-- ފޮޓޯ: ގެޓީ
އަލްޖީރިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗަށް ފަހު.-- ފޮޓޯ: ގެޓީ

މި މެޗަށް ފަހު ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކިން ވެސް ވަނީ އަލްޖީރިއާގެ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރާއި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

ބޮސްނިއާ އެންޑް ހާޒިގޮވީނާއަށް އުފަން ޕެޓްކޮވިޗް، 62، އަކީ ސްވިޒަލެންޑްގެ ގިނަ ކްލަބްތަކަކަށް ކޯޗު ކޮށްދީފައިވާ ކޯޗެކެވެ. މީގެ އިތުރުން އޭނާ ވަނީ 2014 އިން 2021 އަށް ސްވިޒަލެންޑް ގައުމީ ޓީމަށް ވެސް ކޯޗު ކޮށްދީފަ އެވެ. އަދި އެ ޓީމަށް ވަނީ 2016 އަދި 2020 ޔޫރޯ މުބާރާތާއި 2018ގެ ވޯލްޑް ކަޕްގައި ވެސް އިރުޝާދު ދީފަ އެވެ. އޭނާ އަލްޖީރިއާއާ ހަވާލުވީ 2024 ވަނަ އަހަރެވެ.

"އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައި ވީ ބައިކޮޅަށް މާ ގިނަ ގޯލުތަކެއް ނުވަދެ، ރަނގަޅު ޑިފެންސިވް ރެކޯޑަކާ އެކު. އެކަމަކު މުބާރާތުގެ ފެންވަރު މާ މަތި. އެހެންވެ އަހަރެމެން ޖެހޭ މި ލެވެލް އަށް މިއަށް ވުރެ ރަނގަޅަށް ހޭނެން،" އަލްޖީރިއާގެ ކުޅުމާ މެދު މާ ބޮޑު ޝަކުވާއެއް ނެތް ކަމަށާއި ޓީމާ މެދު ހިތްހަމަ ޖެހޭ ކަން ހާމަ ކުރަމުން ކޯޗު ބުންޏެވެ.

"ވޯލްޑް ކަޕަށް އަލުން އެނބުރި 12 އަހަރު ފަހުން އާދެވުމަކީ ވެސް އަހަރެމެންނަށް ލިބުނު ކާމިޔާބެއް ގޮތުގަ ދެކެނީ. އަދި އަހަރެމެންގެ ފުޓްބޯޅައިގެ ތާރީހުގަ ދެވަނަ ފަހަރަށް މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވުމަކީ ވެސް ވަރަށް ރަނގަޅު ނަތީޖާއެއް. މިއަށް ވުރެ ދުރަށް ދާން ވެސް ބޭނުންވޭ، އެކަމަކު މި ފަހަރު އެކަމެއް ނުވި."