ވެންކޫވާ (ޖުލައި 3) - ފީފާ ވޯލްޑް ކަޕުން އަލްޖީރިއާ ކެޓުމާ އެކު އެ ޓީމުގެ ކެޕްޓަން ރިޔާދު މާރޭޒް، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 35 އަހަރުގެ މާރޭޒް ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 119 މެޗުން 40 ގޯލު ޖަހައިދީ 45 އެސިސްޓް ކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ ކެޕްޓަން ކަމުގައި އަލްޖީރިއާ ވަނީ 2019 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ 2016 ވަނަ އަހަރު އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

"ވަރަށް އުފާވެރި ވަގުތުތަކާ އުނދަގޫ ވަގުތުތައް ވެސް ހިނގައްޖެ. އެއީ ކެރިއަރެއްގައި ދިމާވާނެ ކަންކަން. އެންމެ ކުޑައިރުއް ސުރެން ވެސް އަލްޖީރިއާ ތަމްސީލު ކުރުމަކީ އަހަރެންގެ ހުވަފެނެއް. ގައުމީ ޓީމަށް ކުޅެވުމަކީ އަހަރެން އެންމެ ފަހުރުވެރިވާ ކަމަކީ. މިއީ މުޅިން އާ ޖީލަކަށް ގައުމީ ޓީމުގެ މަގު ކޮށައިދޭންވީ ވަގުތު،" މިއަދު ސްވިޒަލެންޑް އަތުން 2-0 އިން ބަލިވި މެޗަށް ފަހު މާރޭޒް ބުންޏެވެ.

މިއީ 12 އަހަރަށް ފަހު އަލްޖީރިއާ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އަލްޖީރިއާ ވާދަ ކުރި 2014 ގެ މުބާރާތުގައި ވެސް މާރޭޒް ވަނީ އަލްޖީރިއާ ޓީމުގައި ހިމެނިފަ އެވެ.

އެ މުބާރާތުގައި އޭނާ ކުޅުނީ އެންމެ ފުރަތަމަ މެޗުގަ އެވެ. ނަމަވެސް މި އަހަރުގެ މުބާރާތާ އޭނާ ކުރިމަތިލީ ޓީމުގެ ކެޕްޓަންގެ ގޮތުގަ އެވެ. އޭނާ ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ ކޮޅަށް ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ.

ދެ ވޯލްޑް ކަޕްގެ އިތުރުން މާރޭޒް ވަނީ އަލްޖީރިއާއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތް މުބާރާތުގައި ކުޅެފަ އެވެ.

މާރޭޒް ވިދާލީ 2015/2016 ސީޒަންގައި ލެސްޓަ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު އުފުލާލި ހިސާބުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު މެންޗެސްޓާ ސިޓީން ވަނީ 60 މިލިއަން ޕައުންޑްގެ އަގަކަށް އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ސޮއި ހޯދައިފަ އެވެ.

މާރޭޒް ވަނީ ސިޓީގައި ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށް އެފްއޭ ކަޕާއި ލީގް ކަޕް އަދި ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު 2023 ގައި ސިޓީން ވަނީ 30 މިލިއަން ޕައުންޑަށް ސައުދީ އަރަބިއްޔާގެ އަލް އަހްލީއަށް އޭނާ ވިއްކާލައިފަ އެވެ. އޭނާ ވަނީ އަހްލީ އާއެކު ދެ ފަހަރު އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް ކާމިޔާބު ކޮށްފަ އެވެ.