ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗެއްގައި ބްރެޒިލް ބަލިކޮށް ނޯވޭން ބޮޑު ސިހުމެއް ގެނެސް ދީފި އެވެ.

މި މެޗު ނޯވޭން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. 

މިއީ 1990 ގެ ފަހުން، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މިހާ އަވަހަށް މުބާރާތުން ވަކިވާން ޖެހުނު ފަހަރެވެ. އަދި އާލިން ހާލަންޑް ޖެހި ދެ ގޯލާ އެކު، ނޯވޭން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގަން ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވީއޭއާރުން ބެލުމަށްފަހު އެ ޓީމަށް ދިން އެ ޕެނަލްޓީ، ބްރޫނޯ ގިމަރޭސް ފޮނުވާލުމުން ނޯވޭގެ އުމުރުން 35 އަހަރުގެ ކީޕަރު އޮރްޔަން ނީލަންޑް ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

ވާދަވެރި މެޗުގެ ނަތީޖާއަށް ބަދަލު އައީ މެޗުގެ 79 ވަނަ މިނެޓުގައި ނޯވޭން ލީޑު ނެގުމުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އެންޑްރިއަސް ސެލްޑަރަޕް ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ނޯވޭ އަށް މޮޅު ކަށަވަރުކޮށް ދީފަ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި މި ބާރު ހަމަލާ، ގޯލަށް ވަނީ ޑެނީލޯގެ ފައިދަށުން ގޮހެވެ.


މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ކާލޯސް ކަސެމީރޯ އަށް ނޯވޭގެ ލިއޯ އޮސްޓިގާޑް ފައުލް ކުރުމުން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަނިޔާގައި އެތައް ދުވަހަކު އުޅުމަށް ފަހު އެނބުރި އައިސް ހުރި ބްރެޒިލްގެ ތަރި ނޭމާ އެވެ. މިއީ ވޯލްޑް ކަޕެއްގައި އޭނާ ކުޅުނު ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. 

މި މެޗުގައި ޖެހި ދެ ގޯލާ އެކު ހާލަންޑް ވަނީ މި މުބާރާތުގައި ހަތް ގޯލު ހަމަކޮށްފަ އެވެ. އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި ކީލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީއާ ހަމަހަމަ ކޮށްފަ އެވެ.