ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ސްޕެއިނާއި، އާޖެންޓީނާ ބައްދަލުކުރާއިރު އެއް ނަޒަރުން މި މެޗު ފާހަގަކުރެވެނީ ދަރިވަރަކާއި އޭނާގެ ޓީޗަރުގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަކީ ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ ދަރިވަރެކެވެ. މީގެ ނުވަ އަހަރު ކުރިން ސްޕެއިނުގައި ބޭއްވި ކޯޗިން ކޯހަކުން ސްކޮލޯނީ ކޯޗިން ލައިސަންސް ހާސިލްކުރިއިރު އޭނާ އަށް ކިޔަވައިދިނީ ޑެ ލަ ފުއެންޓޭ އެވެ.

އުމުރުން 48 އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވީ އޮގަސްޓް 2018 ގަ އެވެ. ފުރަތަމަ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެއީ ޑެ ލަ ފުއެންޓޭ ކައިރިން ކޯޗިން ފިލާވަޅުތައް ނެގިތާ އަހަރެއްވެސް ނުވަނީހެވެ. ނަތީޖާތައް ރަނގަޅުވުމުން އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދިނެވެ. އެ ހިސާބުން އާޖެންޓީނާ އަށް ފެށުނީ ރަން ދުވަސްތަކަކެވެ.

ސްކަލޯނީ ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީ، ބޮޑު މުބާރާތެއްގެ ތަށި ނުލިބި އާޖެންޓީނާ ހޭދަކުރި 28 އަހަރުގެ އިންތިޒާރަށް ނިމުން ގެނެސްދީފަ އެވެ. އަދި އޭގެ ފަހުން އެންމެ ޝަރަފުވެރި ކާމިޔާބީ ކަމަށްވާ 2022 ގެ ވޯލްޑް ކަޕް ހޯދައިދިނެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ވެސް އެ ގައުމަށް ކޮޕާ އެމެރިކާގެ ތަށި ހޯދައިދިނެވެ.

މި ދުވަސްވަރުގެ ތެރޭގައި، ޑެ ލަ ފުއެންޓޭ ވެސް ވަނީ ސްޕެއިންގެ ފުޓްބޯޅައަށް އާ ދިރުމެއް ގެނެސްދީފަ އެވެ. ޔޫރޯގެ ޗެމްޕިއަންކަން ހޯދައިދީ، މިހާރު އެ ވަނީ ވޯލްޑް ކަޕުގެ ތަށްޓާ ގާތަށް ޖެހިލައިފަ އެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި މިރޭ ކުޅޭ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯޗުން ވެސް ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

"އޭނާއަކީ ކޯޗިންގައި އަހަންނަށް މަގުދައްކައިދިން މީހާ. އަހަންނަށް އެނގޭ ހުރިހާ އެއްޗެއް ދަސްކޮށްދިނީ އޭނާ. އެކަމަކު މިހާރު މިތިބީ ފައިނަލެއްގައި އެކަކު އަނެކަކާ ދެކޮޅަށް ނުކުމެ،" ސްކަލޯނީ ބުންޏެވެ.

"ވަރަށް ދެރަވެސް ވޭ. އެކަމަކު މި ފަހަރު މަސައްކަތްކުރާނީ އޭނާ ބަލިކުރަން."

ފައިނަލް މެޗުގެ ޕްރެސް ކޮންފަރެންސުގައި ސްކަލޯނީ ގައިގައި ޑެ ލަ ފުއެންޓޭ ބައްދާލަނީ. -- ފޮޓޯ: އޭއެފްޕީ
ފައިނަލް މެޗުގެ ޕްރެސް ކޮންފަރެންސުގައި ސްކަލޯނީ ގައިގައި ޑެ ލަ ފުއެންޓޭ ބައްދާލަނީ. -- ފޮޓޯ: އޭއެފްޕީ

ސްކަލޯނީ ބުނީ ޑެ ލަ ފުއެންޓޭ އަކީ ހަމައެކަނި މޮޅު ކޯޗެއް ނޫން ކަމަށާއި، އޭނާ އަކީ އެހެން މީހުންނަށް އިހުތިރާމުކުރާ، ވަރަށް ހެޔޮ މީހެއް ކަމަށެވެ.

ޑެ ލަ ފުއެންޓޭ ބުނީ ސްކަލޯނީ އަކީ ނަމޫނާ ދަރިވަރެއް ކަމަށާއި، އޭނާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

"ސްކޮލަނީ އަކޯ ކިޔަވަން ޝައުގުވެރިކަން ހުރި ދަރިވަރެއް. އޭނާގެ ކިބައިން ފެނުނީ ކުރިއަރަން އަޒުމް ކަނޑައަޅައިގެން ހުރި މީހެއްގެ ސިފަތައް. އޭނާގެ ޓީޗަރަކަށް ވުމަކީ އަހަންނަށް ލިބުނު ޝަރަފެއް،" އޭނާ ބުންޏެވެ.

"އެކަމަކު އަހަރެމެން ދެ މީހުންގެ މެދުގައި އޮތީ ދަރިވަރަކާއި، ޓީޗަރެއްގެ ގުޅުމަކަށް ވުރެ ގާތް ގުޅުމެއް. އެކުވެރިކަމާއި، އިހުތިރާމު އޮތީ."

މި ދެ ކޯޗުންނަކީ ވެސް ކްލަބް ލެވެލްގައި މާބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ބަޔެއް ނޫނެވެ. ސެވިއްޔާގެ ޔޫތު ޓީމާއި، އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ނަމަވެސް ޑެ ލަ ފުއެންޓޭގެ ކާމިޔާބީތައް ގުޅިފައި އޮތީ ސްޕެއިނުގެ ޒުވާން ގައުމީ ޓީމާއި، ސީނިއާ ޓީމާ އެވެ. އޭނާ ވަނީ ސްޕެއިނުގެ 19 އަހަރުން ދަށާއި، 21 އަހަރުން ދަށް، އަދި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.

ފުޓްބޯޅަ ކުޅުމުގެ ކެރިއަރު 2015 ގައި ނިންމާލުމަށް ފަހު ސްކޮލަނީ ކްލަބް ލެވެލްގައި ކުރި ހަމައެކަނި ކޯޗިން ތަޖުރިބާއަކީ ސެވިއްޔާގެ އެސިސްޓަންޓް ކޯޗުކަމެވެ. އޭގެ ފަހުން އާޖެންޓީނާގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި، 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަންކުރި އެވެ.