އާޖެންޓީނާ އެންމެ މޮޅަށް ކުޅެނީ ކޮންމެ މެޗެއްގެ ވެސް އެންމެ އުނދަގޫ ހާލަތްތަކުގައި ކަމަށް އެ ޓީމު ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދިން ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.
އާޖެންޓީނާ މޮޅުވީ އިންގްލެންޑް އެންމެ ގޯލަކާ އެކު ދަމަހައްޓަމުން ދިޔަ ލީޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ނައްތާލައިގެންނެވެ. ފައިނަލުގައި ވާދަ ކުރަން ޖެހެނީ ސްޕެއިން އާ އެވެ.
ނޮކައުޓް ބުރުގެ ކޮންމެ މެޗެއްގައި ވެސް އާޖެންޓީނާ ވަނީ އެންމެ ފަހު ވަގުތު މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ކޭޕް ވާޑޭއާ ދެކޮޅަށް އިތުރު ވަގުތުގައި ދެ ފަހަރަށް ލީޑު ހޯދި އިރު މިސްރާ ދެކޮޅަށް މުޅި މެޗު އަނބުރާލީ ފަހު 10 މިނިޓް ތެރޭގަ އެވެ. އަދި ސެމީ އަށް ދިޔައީ އިތުރު ވަގުތު ކުޅެގެން ސްވިޒަލެންޑް ބަލިކޮށްގެންނެވެ.
"އަހަރެން ހަގީގަތުގައި ގަބޫލު ކުރަނީ މި ޓީމު އެންމެ މޮޅަށް ކުޅެނީ އެންމެ ޕްރެޝަރު ހާލަތްތަކުގައިކަން. އަހަރެމެންގެ ޕްލޭންތައް ކާމިޔާބު ނުވެ އުޅެނިކޮށް އިދިކޮޅު ޓީމު ބިރު ގަނެއްޖެ ނަމަ އަހަރެމެންނަށް ލޭގެ ވަސް ދުވާނެ. އަހަރެމެން ދާނީ އެއާ ދިމާއަށް. އެކަހަލަ އިހުސާސެއް މި ޓީމު ކޮންދެނީ،" ސްކަލޯނީ ބުންޏެވެ.
"އަހަރެން ވަރަށް އުފާވޭ، އެންމެ ފަހު ވަގުތާ ހަމައަށް މި ޓީމު މަސައްކަތް ކުރި. އެއީ އެންމެ ބޭނުންވާ ކަމަކީ، މަސައްކަތް ކުރުން. އަހަރެމެން މެޗަށް ފަހު އަނބުރާ ގައުމަށް ދާން ޖެހުނު ކަމުގައި ވިއަސް ދާން ވާނީ މެޗުގައި އެންމެ މޮޅަށް ކުލެވުނު ކަމުގެ އިހުސާސާ އެކު."
ސްކަލޯނީ ބުނީ އާޖެންޓީނާ ކުޅެން ފެށީ އެންޓޮނީ ގޯޑޮން ދެ ވަނަ ހާފު ފެށިގެން 10 މިނިޓް ތެރޭ އިންގްލެންޑަށް ލީޑު ހޯދައިދިން ހިސާބުން ކަމަށެވެ. އަދި ކުޅުންތެރިންގެ ކުޅުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެމެން މަސައްކަތް ކުރާނީ ފައިނަލް މެޗު ކާމިޔާބު ކުރަން. އަހަރެމެންގެ ބާރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެކަމަކު މި ޓީމު ދެން އިތުރަށް ކުރަން އޮންނާނީ ވަކި ކޮންކަމެއް؟،" ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާގެ ޓީމާ 2018 ވަނަ އަހަރު ހަވާލުވެ ސްކަލޯނީ ވަނީ އެއް ވޯލްޑް ކަޕާއި ދެ ކޮޕާ އެމެރިކާ ތަށި ކާމިޔާބު ކޮށްދީފަ އެވެ.