ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު މާރާމާރީ ހިންގި މައްސަލައިގައި އާޖެންޓީނާގެ ލެއަންޑްރޯ ޕަރެޑެސް ހިމެނޭހެން އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އޮފިޝަލަކަށް އަދި އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާ އިން އަދަބު ދީފި އެވެ.

ސްޕެއިން އަތުން 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އެންމެ ބޮޑު އަދަބެއް ލިބުނީ ސްޕެއިނުގެ ދެ ކުޅުންތެރިޔަކަށް ހަމަލާދިން އާޖެންޓީނާގެ ޕަރެޑެސް އަށެވެ. ފީފާ އިން ވަނީ އޭނާ ބައިނަލްއަގްވާމީ 10 މެޗަށް ސަސްޕެންޑްކޮށް 90،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އާޖެންޓީނާގެ ނަހުއެލް މޮލީނާ އަށް ހަތް މެޗުގެ ސަސްޕެންޝަނަކާއި، 90،000 ޑޮލަރުގެ ޖޫރިމަނާގެ އަދަބެއް ލިބުނުއިރު، އެ ޓީމުގެ ތިއާގޯ އަލްމަންޑާ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށް 30،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އާޖެންޓީނާގެ އޮފިޝަލުންގެ ތެރެއިން އަދަބު ލިބުނީ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ އަށެވެ. ފީފާ އިން ވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ތިން މެޗަށް ސަސްޕެންޑްކޮށް 30،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ފީފާ އިން ވަނީ ސްޕެއިނުގެ ގަވީ އަށް ވެސް އަދަބު ދީފަ އެވެ. އޭނާ ސަސްޕެންޑްކުރީ އެއް މެޗަށެވެ. އަދި 30،000 ޑޮލަރުން ޖޫރިމަނާކުރި އެވެ. މާރާމާރީ ހިނގަން މެދުވެރިވީ، ބަދަލު ކުޅުންތެރިޔާ ގަވީ މެޗަށް ފަހު އުފާފާޅުކުރަން ދަނޑަށް އެރި ވަގުތު އާޖެންޓީނާގެ ކުޅުންތެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ފީފާ އިން ނިންމާފައިވަނީ އާޖެންޓީނާ އިން އަމިއްލަ ދަނޑުގައި ދެން ކުޅޭ ދެ މެޗަށް ދަނޑުގެ 50 ޕަސެންޓް ކެޕޭސިޓީގައި މީހުން ވައްދާގޮތަށެވެ. އެއީ އާޖެންޓީނާގެ ހޯމް އެޑްވާންޓޭޖް ކުޑަކުރުމަށް ދިން އަދަބެކެވެ. މީގެ އިތުރުން ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކާ ގުޅިގެން އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަން ވަނީ 321،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފެޑެރޭޝަން ޖޫރިމަނާކުރީ، އިންގްލެންޑް އަތުން 2-1 އިން މޮޅުވި ސެމީ ފައިނަލް މެޗަށް ފަހު ފޯކްލޭންޑަކީ އާޖެންޓީނާގެ ބައެއްގެ ގޮތުގައި ދޭހަވާ ގޮތެއް ކުޅުންތެރިން ބެނާއެއް ގެންގުޅުނު މައްސަލައިގަ އެވެ. އާޖެންޓީނާ ކައިރީ އޮންނަ ޖަޒީރާއެއް ކަމަށްވާ ފޯކްލޭންޑް ކޮންޓްރޯލްކުރަނީ އިނގިރޭސީންނެވެ. ދެ ގައުމުން އެ ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭ ގޮތުން 1982 ވަނީ ހަނގުރާމައެއް ވެސް ކޮށްފަ އެވެ.

އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި ހުރިހާ އަދަބެއް ވެސް އިސްތިއުނާފުކުރަން ނިންމައިފަ އެވެ.