ބާސާ އާއި ރެއާލަށް ވެސް ފަސޭހަ މޮޅެއް

ބާސެލޯނާ (މެއި 7) – ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް ރޭ ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބުކުރުމުން ލީގު ހޯދުމުގެ ރޭސް އިތުރަށް ފޯރިގަދަވެއްޖެ އެވެ.


ވިޔަރެއާލް އަތުން 4-1 އިން މޮޅުވެ ބާސެލޯނާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް އޭގެ ފަހުން ރެއާލް މެޑްރިޑް ވަނީ ގްރަނާޑާ އަތުން 4-0 އިން މޮޅުވެ ބާސެލޯނާއާ އެއްވަރުކޮށްފަ އެވެ.

ދެ ޓީމަށް 84 ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެކަމަކު ރެއާލް މެޑްރިޑަށް ލިބޭ ހިތްހަމަޖެހުމަކީ އިތުރު މެޗެއް އޮތުމެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ސަސްޕެންޝަނަށް ފަހު އެނބުރި އައި ނޭމާ އެވެ. މެޗުގެ 32 ވަނަ މިނެޓުގައި ވިޔަރެއާލުގެ ބަކަމްބޫ ވަނީ އެއްވަރުކޮށްފަ އެވެ. ބާސެލޯނާ އަށް އަލުން ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިއޮނަލް މެސީ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 50 ވަނަ ލަނޑެވެ.

ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ލުއިސް ސުއަރޭޒް ޖެހިއިރު ފަހު ލަނޑު 82 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ މެސީ އެވެ.

ރަށުން ބޭރުގައި ގްރާނާޑާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫޒް އަދި މާސެލޯ ނުކުޅެ އެވެ.

ރެއާލް މެޑްރިޑުގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ ފަހަކަށް އައިސް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ޖޭމްސް ރޮޑްރިގޭޒެވެ. އަނެއް ދެ ލަނޑު ޖެހީ ސްޕެއިނުގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮތީ ލަސް ޕަލްމަސް އާއި އެއިބާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. ރެއާލް މެޑްރިޑަށް އޮތީ ސެވިއްޔާ އާއި ސެލްޓާ ވީގޯ އަދި މަލާގާ މެޗެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގު އޮތުމާއި އަދި ފައިނަލަށް ގޮސްފި ނަމަ އެ މެޗު އޮތުމުން ރެއާލް މެޑްރިޑަށް އޮތީ ބުރަ ދުވަސްކޮޅެކެވެ.