މިލާން (މެއި 27) – އޭސީ މިލާނުގެ ކުރީގެ ތަރި ޖެނާރޯ ގަޓޫސޯ އެ ކްލަބުގެ ޔޫތު ޓީމުގެ ކޯޗުގެ ގޮތުގައި، ފަސް އަހަރަށް ފަހު ކްލަބާ އަލުން ގުޅިއްޖެ އެވެ.

މިލާނަށް 13 އަހަރު ކުޅެ ދެ ފަހަރު ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގު ކާމިޔާބުކުރި ގަޓޫސޯ 2012 ވަނަ އަހަރު ކްލަބް ދޫކޮށްލުމަށް ފަހު ސްވިޒަލެންޑުގެ އެފްސީ ސިއޮން އަށް ކުޅެ ކޯޗުކޮށްދިނެވެ. އޭގެ ފަހުން ޕަލާމޯ އާއި ގްރީކުގެ ކްލަބަށް ވެސް ކޯޗުކޮށްދިން އިރު މިދިޔަ ސީޒަނުގައި އޭނާ ކޯޗުކޮށްދިން އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ އޭސީ ޕީސާ ވަނީ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ގަޓޫސޯ ބުނީ ސީނިއާ ޓީމެއްގެ ހެޑްކޯޗުކަމުން މިލާނުގެ ޔޫތު ޓީމުގެ ކޯޗުކަމާ ހަވަލުވުމަކީ ކެރިއަރުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެން އަމިއްލަ ގެޔަށް މިދަނީ ފަސް އަހަރަށް ފަހު. އަހަރެން މި ޗެލެންޖާ މި ކުރިމަތިލަނީ، އަހަރެންގެ ކިބައިގައި އަބަދުވެސް ހުންނަ މަސައްކަތުގެ ރޫހާއި ވިސްނުންތެރިކަމާ އެކު. އަހަރެން މަސައްކަތްކުރާނީ ރަތާއި ކަޅުގެ މި ޖާޒީ ލާން ކުޅުންތެރިންގެ ކިބައިގައި ފުރިހަމަވާން ޖެހޭ، ވެލިއުތައް އެ ކުޅުންތެރިންގެ ކިބައިގައި އަށަގަންނަވަން،" އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ ބުންޏެވެ.

މިލާނުގެ ސީނިއާ ޓީމުގެ ކޯޗަކީ ގަޓޫސޯއާ އެކު އިޓަލީ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ވިންޗެންޒޯ މޮންޓެލާ އެވެ. ގަޓޫސޯ ބުނީ އޭނާ ކޯޗުކޮށްދިން ޓީމުތަކުގެ ޑިފެންސް ރަނގަޅު ކަމަށާއި މައްސަލަ ދިމާވީ އެޓޭކުގައި ކަމަށެވެ. އެހެންވެ މޮންޓެލާގެ ކިބައިން އެޓޭކުގައި އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް ބުންޏެވެ.