މިލާން، އިޓަލީ (ނޮވެމްބަރު 27) - އޭސީ މިލާނުގެ ކޯޗުކަމުން ވިންޗެންޒޯ މޮންޓެލާ ވަކިކޮށް ކުރީގެ ކުޅުންތެރިއާ ޖެނާރޯ ގަޓޫސޯއާ އެ ޓީމުގެ ކޯޗުކަން ހަވާލުކޮށްފި އެވެ.

މިލާނުން މޮންޓެލާ ވަކިކުރީ ބޮޑު ހަރަދުކޮށް މި ސީޒަނަށް ތައްޔާރުވެ ޓީމާ އެކު އެކަށީގެންވާ ވަރުގެ ނަތީޖާތަކެއް ނެރެވިފައިނުވާތީ އެވެ. އިޓާލިއަން ލީގުގެ ހަތް ވަނައިގައި މިލާން އޮތްއިރު، އެ ޓީމަށް ފުރަތަމަ 14 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އާއި މިލާނާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މިލާނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮންޓެލާ މަގާމުން ދުރުކޮށްފައިވާ ކަމަށާއި ޓީމާ ހަވާލުވާނީ އެ ކްލަބުގެ ޔޫތު ޓީމުގެ ކޯޗަކަށް ހުރި ގަޓޫސޯ ކަމަށެވެ. މޮންޓެލާ މިލާނާ ހަވާލުވީ މިދިޔަ ސީޒަން ފެށުމުގެ ކުރިންނެވެ. އޭނާގެ ކޯޗުކަމުގައި މިލާން ވަނީ ލީގުގެ ހަ ވަނަ ހޯދައިފަ އެވެ. އެކަމަކު އެންމެ ފަހުން މިލާން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުން މިލާނަށް ޖާގަ ޔަގީންވެފައިވީ ނަމަވެސް މޮންޓެލާ އަށް ވަޒީފާ ގެއްލުނީ އިޓާލިއަން ލީގުގައި ނަތީޖާ ދަށްވުމުންނެވެ.

އުމުރުން 39 އަހަރުގެ ގަޓޫސޯ ވަނީ 1999 އިން 2012 ގެ ދެމެދު މިލާނަށް 450 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދި އެވެ. އޭގެ ތެރޭގައި ދެ ލީގު ތަށްޓާއި ދެ ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގަޓޫސޯ ވަނީ ސްވިޒަލެންޑުގެ ކްލަބެއް ކަމަށްވާ ސިއޯންގެ އިތުރުން ޕަލާމޯ ބީ ޓީމަށް ވެސް މީގެ ކުރިން ކޯޗުކޮށްދީފަ އެވެ. އަދި އޭގެ ފަހުން ގަޓޫސޯ ވަނީ އިޓަލީގެ ތިން ވަނަ ޑިވިޝަންގެ ކްލަބް ޕީސާ އަށް ކޯޗުކޮށްދީފަ އެވެ. މިލާން ޔޫތު ޓީމާ ގަޓޫސޯ ހަވާލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ.

މިލާނުން ވަނީ ގަޓޫސޯއާ އެކު އެ ޓީމަށް ކުޅުނު ކްލަރެންސް ސީޑޯފާއި ފިލިއްޕޯ އިންޒާގީ އަށް ވެސް މިދިޔަ އަހަރުތަކުގައި ފުރުސަތު ދީފަ އެވެ. އެކަމަަކު އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ.