ފާފާގެ މައި އިދާރާ.---
11 އޮކްޓޯބަރ 2017 - 15:45
ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޯބަރު 11) - ދުނިޔޭގެ މައި ފުޓްބޯޅައިގެ އިދާރާ ފީފާއިން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރަން ނިންމީ 2015 އަހަރުން ފެށިގެން ސަރުކާރުގެ ނުފޫޒާ ބޭނުން ކޮށްގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ ހަވާލުކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައިނުވާތީ އެވެ. ފީފާއިން ތަކުރާރުކޮށް ޕާކިސްތާން ފެޑެރޭޝަނުގެ ރައީސަކު ހޮވާ އިންތިހާބު އަލުން ބޭއްވުމަށް އެންގުމުން ވެސް އެކަން ކޮށްފަ އެއް ނުވެ އެވެ.
ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުތަކުގެ އެފްއޭ ހިންގުމަށް ފީފާއިން އެކުލަވާލާފައިވާ ގަވައިދާ ހިލާފަށް ޕާކިސްތާން ފެޑެރޭޝަން ހިންގަމުން އަންނަނީ ކޯޓު މެދުވެރިކޮށް ކަނޑައަޅާފައިވާ އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުން ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ކަމަށް ފީފާއިން ބޭނުންވާ ހައްލެއް ލިބެންދެން މުއްދަތެއް ނެތް ގޮތަށް އެ ގައުމުގެ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް ވަނީ ނިންމައިފަ އެވެ.
މި ސަސްޕެންޝަނާ ގުޅިގެން ޕާކިސްތާނުގެ އެއްވެސް ކްލަބަކަށް އޭއެފްސީ އާއި ފީފާއިން ހިންގާ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. އަދި ޕާކިސްތާނު ފެޑެރޭޝަނުން އޭއެފްސީ ނޫނީ ފީފާގެ ނަމުގައި އެއްވެސް ކޯހެއް ނުހިންގޭނެ ކަމަށް ވަނީ އަންގައިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ 200 ވަނައިގައި މި ވަގުތު އޮތް ޕާކިސްތާންގެ ސީނިއާ ޓީމު އެންމެ ފަހުން ރަސްމީ މެޗެއްގައި ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ޔަމަނާ ދެކޮޅަށެވެ. އޭގެ ފަހުން އެ ޓީމު މެޗެއް ނުކުޅެ އެވެ. ފެޑެރޭޝަން ތެރޭގައި އުފެދިފައިވާ ފެކްޝަންތަކެއްގެ ސަބަބުން އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕުގައި ވެސް ޕާކިސްތާން ނުކުޅެ އެވެ.
ފީފާއިން މީގެ ކުރިން ވަނީ ކެމަރޫން، ކުވޭތު، މާލީ، ނައިޖީރިއާ އަދި ސޫދާން ގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ސަސްޕެންޝަން އުވާނުލައި އޮތީ ކުވޭތު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބަލީ
11 October 2017
ރާއްޖޭގެ އެފްއޭ ވެސްއޮތީ ހަމަ ތިޔަކަހަލަ ގޮތަކަށް. މިނިވަންތަނެއް. އެފްއޭގެ ކޮންމެ މީހަކުވެސް އަނގަހުޅުވާލާ ކޮންމެ ފަހަރަކު ރައީސްއަށް ސުކުރު އަދާކުރުން ނޫންކަމެއް ނޯންނާނެ.
ރަދީފް
11 October 2017
ޕާކިސްތާނާއި ވަރަށް އަވަށްޓެރި އަދި ކޯޓުން ހުރިހާކަމެއް ނިންމައިގެން އޮންނަ ކުޑަކުޑަ ގައުމެއް ވަރަށް ވިސްނަންޖެހޭނެ ކަމެއް ކަމުގަ ދެކެން.