ވަޓްފޯޑް، އިންގްލެންޑް (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-2 އިން ވަޓްފޯޑް އަތުން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެއްޖެ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި 13 މެޗުން 37 ޕޮއިންޓާ އެކު ސިޓީ އޮތްއިރު، ޔުނައިޓެޑުން ވަނީ 14 މެޗުން 32 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން ބަލިކޮށްފި ނަމަ ސިޓީ އަށް އަލުން އަށް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ވަޓްފޯޑްގެ ދަނޑު ވިކަރޭޖް ރޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 31 މިނިޓް ތެރޭގައި ޔުނައިޓެޑުން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ދެ ލަނޑު ޖެހީ ކުރިން ވަޓްފޯޑަށް ކުޅުނު އެޝްލީ ޔަންގެވެ. އަނެއް ލަނޑު ޖެހީ އެންތަނީ މާޝިއާލް އެވެ.

ދެ ވަނަ ހާފުގެ ފަހު ކޮޅު ޓްރޮއި ޑީނީގެ ޕެނަލްޓީ އާއި އަބްދުﷲ ޑޮކޫރޭގެ ގޯލުން ވަޓްފޯޑް މެޗުގެ ތެރެއަށް އެނބުރި އައި ނަމަވެސް ޖެސޭ ލިންގާޑް ޔުނައިޓެޑުގެ ހަތަރު ވަނަ ގޯލު ކާމިޔާބު ކުރުމާ އެކު އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީންވި އެވެ.

ރޭގެ މެޗުގައި ވެސް ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ކުޅުނު 11 މެޗުން ލުކާކޫ އަށް ޖެހުނީ އެއް ގޯލެވެ. ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ލުކާކޫ އަށް ރަނގަޅު ބްރޭންޑެއްގެ އާ ބޫޓެއް ބޭނުންވާ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ލުކާކޫ އަށް ބޮޑު ބްރޭންޑަކުން އާ ބޫޓެއް ވެސް ހޯދަން އެބަޖެހޭ. މިހާރު އޭނާ (ލުކާކޫ) އެ ކުޅެނީ ކަޅު ކުލައިގެ ބޫޓެއްގައި. އޭނާ އަށް ރަނގަޅު ބްރޭންޑަކުން ފައިސާ އާއި ހެޔޮވަރުގެ ބޫޓެއް ދީފި ނަމަ އަނެއްކާވެސް އޭނާގެ ލަނޑުތައް ފެންނާނެ،" މޮރީނިއޯ ބުންޏެވެ.

ރޭ ލެސްޓާ ދަނޑުގައި އެޓީމުން ވަނީ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ލެސްޓާގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ޖޭމީ ވާޑީ އާއި ރިޔާދު މާރޭޒް އެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅު ޓޮޓެންހަމްގެ ލަނޑު ޖެހީ ހެރީ ކޭން އެވެ.

މި މެޗުން ބަލިވުމާ އެކު ޓޮޓެންހަމަށް ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ތިން މެޗު ދިޔައީ އެވެ. އެ ޓީމު ލީގުގެ ފަސް ވަނައިގައި 14 މެޗުން 24 ޕޮއިންޓާ އެކު އޮތްއިރު، މިރޭ ލިވަޕޫލާއި ބާންލީ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ޓޮޓެންހަމް ހަތް ވަނަ އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ލެސްޓާ އިން ދެ ގޯލު ޖެހުމާ އެކު މެޗުން މޮޅުވާން ޓޮޓެންހަމުން ކުރަން ޖެހޭ ހިތްވަރު އެ ޓީމުގެ ފަރާތުން އެއްވެސް ވަރަކަށް ނުފެނުނު ކަމަށެވެ. އަދި ޕްރިމިއާ ލީގު ކަހަލަ އުނދަގޫ ލީގެއްގައި އެ ހިތްވަރު ނެތިއްޖެ ނަމަ ކުރިއަށްދާން އުނދަގޫވާނެ ކަމަށް ބުންޏެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރެއިން ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ވެސްޓް ބްރޮމް އާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.