މޮސްކޯ (ޖުލައި 16) - ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސް އަތުން 4-2 އިން ކްރޮއޭޝިއާ ރޭ ބަލިވުމާ އެކު އެންމެ ބޮޑަށް ހިތާމަކުރި އެކަކީ ކެޕްޓަން ލޫކާ މޮޑްރިޗެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ނަމަވެސް ކްރޮއޭޝިއާ އަށް ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް އުފުލާދޭ ކެޕްޓަނަށް ނުވުމުގެ ހިތާމަ މޮޑްރިޗަށް މާބޮޑެވެ. އެވޯޑާ ހަވާލުވާން ދިޔަ އިރު މޮޑްރިޗް އެންމެ ބޮޑަށް ހިތްހަމަޖައްސައިދިނީ ކްރޮއޭޝިއާގެ ރައީސް ކޮލިންޑާ ގްރަބާ-ކިޓަރޮވިޗެވެ. ވެހެމުން ދިޔަ ބޯ ވާރޭގައި ސްޓޭޖަށް މޮޑްރިޗް އިރު އޭނާގެ ގައިގައި ބައްދާލުމަށް ފަހު ހިތްވަރުގެ އެތައް ބަސްތަކެއް ކޮލިންޑާ ވިދާޅުވި އެވެ.
ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ކުޅުނު މެޗުތައް ބައްލަވާލެއްވުމަށް ރަޝިޔާ އަށް ވަޑައިގެން އާދަޔާޚިލާފު ފޯރިއެއް ނެންގެވި ކޮލިންޑާ ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ގައިގައި ބައްދާލުމަށް ފަހު ހިތްވަރު ދެއްވައިފަ އެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް ރަޝިޔާ އަށް ވަޑައިގަތުމުގެ ކުރިން ވެސް ކޮލިންޑާ ވިދާޅުވެފައި ވަނީ ފައިނަލް މެޗު ބަލަން އެކަމަނާ ކެތްމަދުވެފައިވާ ކަމަށެވެ. ކޮލިންޑާ ވިދާޅުވީ ކްރޮއޭޝިއާގެ ރައީސްގެ އިތުރުން އެކަމަނާ އަކީ ފުޓުބޯޅައިގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. މެޗުތައް ބެއްލެވުމަށް ކޮލިންޑާ ރަޝިޔާ އަށް ވަޑައިގަންނަވަނީ ޝެޑިއުލް ފްލައިޓުގައި އާއްމުންނާ އެކު އެވެ. ބައެއް މެޗުތައް ވަނީ އާއްމުންނާ އެކު ބައްލަވައިފަ އެވެ.
"ފައިނަލް މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އަޅުގަނޑު ގަބޫލް ކުރަނީ ކްރޮއޭޝިއާ އަށް ކާމިޔާބު ލިބިއްޖެ ކަމަށް. އަޅުގަނޑުމެން މޮޅުވެއްޖެ،" ކޮލިންޑާ ވިދާޅުވި އެވެ.
ކްރޮއޭޝިއާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދައިފަ އެވެ.