ސުޕަ ކަޕް މެޗު ނުކުޅެފާނެ ކަމުގެ އިންޒާރު ސެވިއްޔާ އިން ދީފި

ސެވިލް (އޮގަސްޓް 12) – މިރޭ ކުޅޭ ސްޕެނިޝް ސުޕަ ކަޕް މެޗުގެ ސްކޮޑުގައި ބާސެލޯނާ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބޭރު ތިން ކުޅުންތެރިންނަށް ވުރެ ގިނައިން ޖަހައިފި ނަމަ މެޗު ނުކުޅެން ޖެހިދާނެ ކަމުގެ އިންޒާރު ސެވިއްޔާ އިން ދީފި އެވެ.


ސްޕެނިޝް ލީގު މެޗުތަކުގެ ސްކޮޑުގައި ޖެހެނީ އީޔޫ އަށް ނިސްބަތްނުވާ ގައުމުތަކުގެ ތިން ކުޅުންތެރިންގެ ނަމެވެ. އެކަމަކު ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ބުނީ ސުޕަ ކަޕް މެޗަކީ ޕްރޮފެޝަނަލް ކެޓަގަރީގެ މެޗަކަށް ނުވާތީ، އެ ގަވާއިދު މި މެޗުގައި ނުބަލާނެ ކަމަށެވެ. މާނައަކީ މޮރޮކޯގައި މިރޭ ކުޅޭ މެޗަށް ބޭނުން އަދަދަކަށް އީޔޫ އިން ބޭރު ކުޅުންތެރިންގެ ނަން ޖެހުމުގެ ފުރުސަތު ލިބުނެވެ.

ސެވިއްޔާ އިން ބުނީ ފެޑެރޭޝަނުން މެޗުގެ 24 ގަޑިއިރު ކުރިން ނެރުނު ބަޔާނުގެ ސަބަބުން ހައިރާންވާ ކަމަށެވެ. އަދި މި މެޗުގައި ބޭނުން އަދަދަކަށް ޔޫރަޕުން ބޭރު ކުޅުންތެރިން ޖެހޭނެ ކަމަށް ބުނެފައިވާއިރު، އާ ސީޒަނަށް ފެޑެރޭޝަނުން ނެރުނު ނޯޓިސްގައި ހުއްދަ ދީފައިވަނީ ތިން ކުޅުންތެރިންނަށް ކަމަށެވެ.

ސެވިއްޔާ އިން ބުނީ އެ ކްލަބުގެ ގާނޫނީ ޑިޕާޓްމަންޓުން އަންނަނީ މިކަން ދިރާސާކުރަމުން ކަމަށާއި ބާސެލޯނާ އިން އީޔޫ އިން ބޭރު ތިން ކުޅުންތެރިންނަށް ވުރެ ގިނަ ކުޅުންތެރިން ސްކޮޑުގައި ޖަހައިފި ނަމަ، އުސޫލުން ބޭރު ސްކޮޑެއް ނެރުނު ކަމަށް ބަލައި މެޗު ނުކުޅެ ދޫކޮށްލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ބާސެލޯނާގެ އީޔު އިން ބޭރު ތިން ޖާގައިގައި ޖަހާނީ އާޓޫރޯ ވިޑާލާއި މެކްލޮމް އާއި އަރްތޫރުގެ ނަން ކަމަށް ބެލެވެ އެވެ. ދެން ހިމެނޭ މާލޮން ވެސް މޮރޮކޯ އަށް ވަނީ ގެންގޮސްފަ އެވެ. އެހެންވެ އޭނާ ހިމެނުނުގެ ފުރުސަތު އެބަޮއތެވެ. ބާސެލޯނާގައި ހިމެނޭ ބްރެޒިލް ފިލިއްޕެ ކުޓީނިއޯ ޕޯޗުގަލް ޕާސްޕޯޓް ހޯދާފައިވާއިރު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އީޔޫ ރަށްވެހިކަން އޮވެ އެވެ.

ފެޑެރޭޝަނުގެ ނިންމުމާ މެދު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް އެހާ ބޮޑަށް ހިތްހަމަނުޖެހެ އެވެ. އޭނާ ބުނީ ސުޕަ ކަޕް މެޗު ޕްރޮފެޝަނަލް މެޗެއްގެ ގޮތުގައި ނުބަލަންޏާ ބުނާނެ އެއްޗެއް ނޭގޭ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ސެވިއްޔާ އަކީ ވެސް ޕްރޮފެޝަނަލް ޓީމެއް. އަހަރެމެންނަކީ ވެސް. އީޔޫ އިން ބޭރު ކުޅުންތެރިންގެ ކަންތައްތަކުގައި އަހަރެމެން މި ހަފުތާގައި އުފުލަން ޖެހުނު ތަކުލީފުތަކާ އެކު ކުރިން އަހަރެމެންނަށް އިންޒާރެއް ދެވުނީސް،" ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާގައި މިދިޔަ ސީޒަނުގައި މޮޅަށް ކުޅުނު ބްރެޒިލްގެ ޕައުލީނިއޯ ޗައިނާ ލީގަށް ލޯން އުސޫލުން ދޫކޮށްލީ ވެސް އީޔޫ އިން ބޭރުގެ ޖާގައެއް ހުސްކުރަން ކަމަށްވެ އެވެ.

މިރޭގެ މެޗު ކުޅޭނީ މޮރޮކޯގެ ޓެންޖިއާގައި ހުންނަ އިބްނު ބަތޫތާ ސްޓޭޑިއަމުގައި ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ. އެވެ. މިއީ އެއް ލެގު އުސޫލުން މި މެޗު ކުޅޭ ފުރަތަމަ ފަހަރެވެ. ސްޕެނިޝް ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން ބާސެލޯނާ ވާދަކުރާއިރު، ސެވިއްޔާ ވާދަކުރަނީ ސްޕެނިޝް ކަޕުގެ ރަނަރަޕްގެ ގޮތުންނެވެ. އެ މުބާރާތް ވެސް ކާމިޔާބުކުރީ ބާސެލޯނާ އެވެ.