ލަންޑަން (ޖެނުއަރީ 28) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން ބަލިވެ ހަތަރު ދުވަހުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް ދެ ވަނަ މުބާރާތު ކެޓިއިރު، އަމިއްލަ ދަނޑުގައި 3-0 އިން ޝެފީލްޑް ވެނެސްޑޭ ބަލިކޮށް ޗެލްސީ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕެނަލްޓީ ޖަހައިގެން ޗެލްސީ އަތުން ބަލިވެ ލީގު ކަޕުގެ ސެމީން ކެޓުމުން ޓޮޓެންހަމް ރޭގެ މެޗަށް ނުކުތީ އެފްއޭ ކަޕްގައި ކުރިއަށްދިއުމަށް އަމާޒުހިފައިގެންނެވެ. އެކަމަކު ރޭގެ މެޗު ފެށިގެން ޓޮޓެންހަމަށް ޕްރެޝަރުގައި ކުޅެން ޖެހުމުން މި މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ކޮނޯ ވިކަމް އެެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ވިކަމް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓަލް ޕެލަސްގެ ދެ ވަަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ކުރިން ޓޮޓެންހަމަށް ކުޅުނު އަންޑްރޮސް ޓައުންސެންޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް ލަނޑެއް ޖަހައިދޭން ޕެނަލްޓީ އަކުން ކިއެރަން ޓްރިޕިއޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

"އަހަރެމެންގެ ފަރުވާކުޑަކަމުން މިދިޔަ ދެ މެޗުން ވެސް ބަލިވީ. މި ޝަކުވާ ކުރަން ތިބެގެން ވާނެ ފައިދާއެއް ނެތް. ދެން އޮތް ކަމަކީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ދެއްކެން އޮތް އެންމެ ރަނގަޅު ކުޅުމެއް ދައްކައި ހާސިލްކުރެވެން އޮތް ކަމެއް ހޯދުން،" ރޭގެ މެޗަށް ފަހު މާޔޫސްވެފައި ހުރެ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ހިގުއައިން (ވ) ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ތެރެއިން ހިގުއައިން (ވ) ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭ ޗެލްސީން ނުކުތީ ދާދި ފަހުން އެ ޓީމާ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ގޮންޒާލޯ ހިގައިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ ބްރެޒިލްގެ ވިންގް ވިލިއަން އެވެ. އަނެއް ގޯލު ޖެހީ ޒުވާން މިޑްފީލްޑަރު ކަލުމް ހަޑްސަން-އޮޑޯއި އެވެ. އޮޑޯއި މި މެޗަށް އެރުވީ ބަޔާން މިއުނިކަށް ބަދަލުވާން އޭނާ ޗެލްސީގައި އެދިފައި އޮއްވަ އެވެ.

މެޗަށް ފަހު ބީބީސީ އަށް ދިން އިންޓަވިއުގައި އުމުރުން 18 އަހަރުގެ އޮޑޯއީ ބުނީ މިއީ އޭނާ ޗެލްސީ އަށް ކުޅެދިން ފަހު މެޗުކަން ބުނަން ނޭނގޭ ކަމަށާއި މީގެ އަދިވެސް ގޮތެއް ނިންމުމުގެ އެންމެ ފަހުގެ އިހުތިޔާރު އޮތީ އެ ކްލަބް އަތުގައި ކަމަށެވެ.