އުއްމީދީ ދެ ކުޅުންތެރިން އިޓަލީ މޮޅުކޮށްދީފި

އުދިނޭ، އިޓަލީ (މާޗް 24) – އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ނިކޮލާ ބަރެއްލާ އާއި މޮއިސް ކީންގެ ލަނޑުތަކާ އެކު ފިންލެންޑް 2-0 އިން ބަލިކޮށް އިޓަލީން ޔޫރޯ ކޮލިފައިން ފެށިއިރު، ނޯވޭ އަތުން 2-1 އިން ސްޕެއިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.


މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، ޒުވާން ކުޅުންތެރިންނާ އެކު ރޮބާޓޯ މަންޗިނީ ބިނާކުރަމުން އަންނަ އިޓަލީ ސްކޮޑުގައި ހިމެނި ކީން ކުޅުނު ދެ ވަނަ މެޗުގައި ޖެހި ގޯލާ އެކު އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ވެފައިވަނީ އިޓަލީ އަށް ލަނޑެއް ޖަހައިދިން ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ޔުވެންޓަސްގެ ފޯވާޑް 74 ވަނަ މިނެޓުގައި މި ގޯލް ޖެހީ ޗީރޯ އިމޮބިލޭ ޖައްސާލި ބޯޅައެއް އޭރިއާ ތެރެއިން އެއް ފަހަރުން ގޯލަށް ވައްދާލައިގެންނެވެ.

މި މެޗުގައި އިޓަލީ އަށް ބަރެއްލާ ލީޑު ނަގައިދިނީ ހަތް ވަނަ މިނެޓުގަ އެވެ. މާކޯ ވެރާޓީ ފޮނުވާލި ހިލޭ ޖެހުން ފިންލެންޑް ކުޅުންތެރިޔަކު ދިފާއުކޮށް ފޮނުވާލި ވަގުތު ޑީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ފިންލެންޑް ކުޅުންތެރިޔެއްގެ ފައިގައި ޖެހިފަ އެވެ. ކަލިއާރީ އަށް ކުޅޭ އުމުރުން 22 އަހަރުގެ ބަރެއްލާ ހޯދުމަށް ވަރަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ގްރޫޕުގައި ރޭ ލީންޗެސްޓެއިނާ 2-0 އިން ގްރީސް މޮޅުވިއިރު އާމީނިއާ އަތުން ބޮސްނޮނިއާ އެންޑް ހެޒަގޮވީނާ ވަނީ 2-1 އިން މޮޅުވެފަ އެވެ. ލީގު އުސޫލުން ދެ ބުރު ކުޅެ ޔޫރޯ އަށް ކޮލިފައިވާނީ ގްރޫޕުގެ ގަދަ ދެ ޓީމެވެ.

ވެލެންސިއާގައި ރޭ ނޯވޭ އާއި ސްޕެއިން ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ސްޕެއިނަށް ކުރި ހޯދައިދިނީ ވެލެންސިއާ އަށް ކުޅޭ ރޮޑްރިގޯ އެވެ. ޖޯޑީ އަލްބާ އަރިމަތިން ހުރަސްކޮށްލި ބޯޅަ ރޮޑްރިގޯ ވަނީ ގޯލް ކުރިމަތީ ހުހަށް ވުރެ އެތެރެކޮށްލައިފަ އެވެ. ނޯވޭ އިން އެއްވަރުކުރީ 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޯޝުއާ ކިންގް ޖެހި ގޯލުންނެވެ. ސްޕެއިނުގެ ނަސީބު އަތުގައި ހިފީ ވެސް ޕެނަލްޓީއަކުންނެވެ. އެގޮތުން 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

މި ގްރޫޕުގައި ރޭ ފެރޯ އައިލެންޑްސް އަތުން 2-1 އިން މޯލްޓާ މޮޅުވިއިރު ރޫމޭނިއާ އަތުން ސްވިޑަން ވެސް މޮޅުވީ އެ ނަތީޖާ އިންނެވެ.