27 އެޕްރީލް 2019 - 09:01
ނިޔޯން، ސްވިޒަލެންޑް (އޭޕްރީލް 27) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެ ޓީމުގެ ނޭމާ ރެފްރީންނަށް އިންސްޓަގްރާމްގައި ފާޑުކިޔާފައިވާތީ ޔޫރަޕްގެ ތިން މެޗަށް އޭނާ ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފި އެވެ.
އަނިޔާގެ ސަބަބުން ތިން މަސް ދުވަހަށް ފަހު މިދިޔަ ހަފްތާގައި ކުޅުމަށް އެނބުރި އައި ނޭމާ އަށް ވަނީ ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ދެ މެޗު ވެސް ގެއްލިފަ އެވެ. ނޭމާގެ ސަސްޕެންޝަނުގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗު އޭނާ އަށް ގެއްލޭނެ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ދަނޑުގައި 2-0 އިން ޕީއެސްޖީ އަތުން ބަލިވިއިރު، މިދިޔަ ހަފްތާގައި ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ޕީއެސްޖީ ދަނޑުގައި 3-1 އިން މޮޅުވެ، ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެންނެވެ. އެ މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ގޯލަކީ އިތުރު ވަގުތުގައި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމަށް ފަހު ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.
"އެއީ ބޮޑު ލަދެއް. އެ މީހުން ހަތަރު މީހެއް ޓީވީ ކައިރީގައި ސްލޯ މޯޝަނުގައި މެޗު ބަލަން ބަހައްޓާފައި ތިބިއިރު އެއީ ފުޓްބޯޅަ އެނގޭ ބައެއް ނޫން،" ވީއޭއާރް އޮފިޝަލުންނަށް ނިސްބަތްކޮށް ނޭމާ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.
އެ މެޗުގެ ރެފްރީ ސްލޮވީނިއާގެ ޑަމީރު ސްކޮމިނާ ވީއޭއާރްގެ އެހީގައި ނިންމި ނިންމުމަށް ގިނަ ބައެއްގެ ލޯ އަމާޒުވިއިރު، ޔުއެފާ އިން ވަނީ އެ ނިންމުން ރަނގަޅުކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެ ނިންމުމާ ބެހޭގޮތުން ނޭމާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ދާދި ފަހުން ޔުއެފާ އިން ވަނީ ބުނެފަ އެވެ.
އުމުރުން 27 އަހަރުގެ ނޭމާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ޕީއެސްޖީން ކަމަށް އޭނާގެ ބައްޕަ ދާދި ފަހުން ވަނީ ބުނެފަ އެވެ. ނޭމާ ވަނީ ޗެލްސީގެ ތަރި އެޑެން ހަޒާޑަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ހަޒާޑް ފަދަ ހުނަރުވެރި ކުޅުންތެރިޔަކާ އެއް ޓީމަކަށް ކުޅެލަން ބޭނުންވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
27 April 2019
ނޭމާއެއްކަމަކު "ޣާޒީ"އަކަށް ފާޑެއްނުކިޔޭނެ. ކީކޭ ރަދީފުބުނަނީ؟