ގްރިޒްމަންގެ ދެ ގޯލާ އެކު ބާސާ ފެންވަރު ދައްކާލައިފި

ބާސެލޯނާ (އޮގަސްޓް 26) – އާ ފޯވާޑް އެންޓޮއިން ގްރިޒްމަންގެ ދެ ގޯލާ އެކު ރެއާލް ބެޓިސް އަތުން 5-2 އިން މޮޅުވެ ބާސެލޯނާ އިން ފެންވަރު ދައްކާލައިފި އެވެ.


ފުރަތަމަ މެޗުން އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވެ ފާޑުކިޔުންތައް އަމާޒުވި ބާސެލޯނާ އިން ރޭ މޮޅުވީ އަނިޔާގައި ތިބި ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އޮސްމާނޭ ޑެމްބެލޭ ނެތި އެވެ.

ނަބީލް ފެކީރްގެ ގޯލުން 15 ވަނަ މިނެޓުގައި ބެޓިސް ކުރި ހޯދާފައިވަނިކޮށް ބާސެލޯނާ އަށް އެއްވަރުކޮށްދީ އަދި ލީޑު ނަގައިދިނީ ވެސް ސުއަރޭޒްގެ ނެތުމުން ސެންޓަ ފޯވާޑަކަށް ކުޅެމުން ދިޔަ ގްރިޒްމަން އެވެ. މި ދެ ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވެސް ސާޖި ރޮބާޓޯ އެވެ.

ބާސެލޯނާގެ އަނެއް ތިން ގޯލް ޖެހީ ކާލެސް ޕެރޭޒާއި ޖޯޑީ އަލްބާ އަދި އަރުޓޯ ވިޑާލެވެ. މީގެ ތެރެއިން ވިޑާލުގެ ގޯލް ޖަހަން އެސިސްޓްކުރީ ގްރިޒްމަން އެވެ. އޭގެ ފަހުން ބެޓިސްގެ ލޮރެން މޮރޮން ގޯލެއް ޖަހައި އެ ޓީމަށް ތަފާތު ކުޑަކޮށްދިނެވެ.

'މެޗަކުން ބަލިވީމާ އަބަދުވެސް ޖެހިގެން އަންނަ މެޗުގައި ކުޅުންތެރިން ތެދުވާނެ،" ގްރިޒްމަން ބުންޏެވެ. "ވަރަށް ގިނަ ކުޅުންތެރިން އަނިޔާގައި ވެސް ތިބުމާ އެކު ތިބި ކުޅުންތެރިން ބޭނުންވީ ތަފާތު ދައްކަން."

އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި ލެގަނޭސް އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ގޯލް 71 ވަނަ މިނެޓުގައި ޖެހީ ވިޓޯލޯ އެވެ. މި ގޯލަކީ، ގްރިޒްމަންގެ ބަދަލުގައި އެތުލެޓިކޯ އިން ގެނައި ޕޯޗުގަލްގެ ތަރި ޔޮއާއޯ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުން ވިޓޯލޯ ޖެހި ގޯލެކެވެ.

މި މޮޅާ އެކު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް އެތުލެޓިކޯ މެޑްރިޑް އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ސެވިއްޔާ އެވެ. ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ހޮނިހިރު ދުވަހުގެރޭ ރެއާލް ވަޔަޑޮލިޑާ 1-1 އިން އެއްވަރުވި ރެއާލް މެޑްރިޑް އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ބާސެލޯނާ އޮތީ ތިން ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.