22 ޑިސެމްބަރ 2019 - 11:06
ބެއިޖިން (ޑިސެމްބަރު 22) – ޗައިނާ އިން އުއިގޫރް މުސްލިމުންނާ މެދު އަނިޔާވެރިވާ ކަމަށް ބުނެ އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް އެ ގައުމާ މެދު ރުޅިވެރިކަން ފާޅުކުރުމުން މަޝްހޫރު ފުޓްބޯޅަ ގޭމް، ޕްރޯ އިވޮލޫޝަން ސޮކާ (ޕެސް) މޯބައިލްގެ ޗައިނާ ވާޝަނުން އޭނާ އުނިކޮށްފި އެވެ.
ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ.
އޮޒިލް ތުރުކީ ބަހުން ކުރި ޓްވީޓެއްގައި ބުނީ ގުރުއާން އަންދައި މިސްކިތްތައް ބަންދުކޮށް މުސްލިމް ސްކޫލްތައް މަނާކޮށް ފަހަރަކު މީހެއްގެ މަގުން ދީނީ އިލްމުވެރިން މަރައި ފިރިހެނުންތައް މަޖުބޫރުން ކޭމްޕްތަކަށް ފޮނުވަމުންދާ ކަމަށެވެ. އޭނާ އެ ވާހަކަތައް ލިޔެ ޓްވީޓްކުރީ ހަނދުފަޅިއަކާއި ތަރިއެއް ޖަހާފައިވާ ނޫ ކުލައިގެ ދިދައެއް ސިފަވާ ގްރެފިކެއްގަ އެވެ. އެއީ ވަކިވެގަތުމަށް މަސައްކަތްކުރާ އުއިގޫރުން ޒިންޖިއާން އަށް ނިސްބަތްކުރާ "އީސްޓް ތުރުކިސްތާން" ގެ ދިދަ އެވެ.
ޗައިނާ އިން ވަނީ ކޭމްޕްތަކެއް ނުހުންނާނެ ކުރިން ބުނެފަ އެވެ. ފަހުން ބޭރުގެ ޕްރެޝަރުތަކާ އެކު އެކަމަށް އެއްބަސްވި އެވެ. އެކަމަކު ބުނީ އެއީ ވޮކޭޝަނަލް ޓްރެއިނިން ކޭމްޕްތަކެއް ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޗައިނާ އިން އަންނަނީ އުއިގޫރުން އިސްލާމް ދީން ދޫކޮށް ކޮމިއުނިސްޓް ޕާޓީއަށް ތާއީދުކުރުމަށާއި ޗައިނާގެ މެޖޯރިޓީ ހާން ސަގާފަތަށް އުޅުމަށް މަޖުބޫރުކުރަމުން ކަމަށެވެ.
އޮޒިލް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ވަނީ އޮޒިލްގެ ކޮމެންޓްތަކާ އެ ކްލަބާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ޗައިނާ އިން ފުރަތަމަ ބުނީ އޮޒިލްގެ ޓްވީޓްތަކުގައި ހަގީގަތެއް ނެތް ކަމަށާއި އޭނާ އަށް ލިބިފައިވަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.
ޕެސް ގޭމްގެ ޗައިނާ ޑިސްޓްރިބިއުޓަރު ނެޓްއީސް އިން ބުނީ އެ ގޭމުން އޮޒިލް އުނިކުރީ ޗައިނާއާ މެދު ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި އޮޒިލްގެ ވާހަކަތަކުން ޗައިނާ ސަޕޯޓަރުން މާޔޫސްކޮށްލައިފި ކަމަށާއި އަދި އެ ވާހަތަކުގެ ސަބަބުން ކުޅިވަރުގެ ރޫހު ކަމަށްވާ ލޯތްބާއި ސުލްހަ އަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގޭމުން އޮޒިލް އުނިކުރުމަކީ ޗައިނާ އިން އޭނާއާ މެދު އެޅި ދެ ވަނަ ފިޔަވަޅެވެ. ފުރަތަމަ ފިޔަވަޅަކީ ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި އާސެނަލް ކުޅެން އޮތް މެޗު ޗައިނާ ސަރުކާރު ޓީވީން ނުދައްކާ ގޮތަށް ނިންމުމެވެ.
އޮޒިލް އަކީ، މުސްލިމުންގެ ހައްގުގައި ވާހަކަދައްކާ ލީޑަރެއް ކަމަށްވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ގާތް އެކުވެރިޔެކެވެ. މިދިއަ އަހަރު އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން އުރުދުޣާންއާ އެކު ފޮޓޯއެއް ނެގުމުން އޮޒިލްއަށް ޖަރުމަނުގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެންމެ ފަހުން އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލައިފަ އެވެ. ފަހުން އޮޒިލްގެ ކައިވެނީގެ އޭނާގެ ފަރާތުން އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އުރުދުޣާން ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާގީނާ
23 December 2019
"ވަކިވެގަތުމަށް މަސައްކަތްކުރާ އުއިގޫރުން..." އަހަންނަށް އިނގިފައިވާގޮތުން މިއީ ގޯސްގޮތެއް. އެހެނީ ޒިންޖިއާން އަކީ ޗައިނާގެ ބައެއްނޫން، އެއީ އެމީހުން ހިފާފައިވާތަނެއް، ޒިންޖިއާން ގެ މާނަ އަކީވެސް "ހިފާފައިވާ ބިން" ކަމަށް އެނގިފައިވަނީ! އެހެންވީމަ، އިޒްރޭލުގެ ކިބައިން ފަލަސްތީނު ސަލާމަތްވާން ކުރާ މަސައްކަތެކޭ، ޗައިނާގެ ކިބައިން ސަލާމަތްވާން މިމީހުން މިކުރާމަސައްކަތެކޭ ނެތްމާބޮޑު ތަފާތެއް.
ވާނުވާ ލޮލް
22 December 2019
ލޮލް އޮޒިލް ޕެސްއިން ނެގީމަ އޮޒިލް ވަރަށް ދެރަވާނެ ދޯ ހަހަަހަ ތީގަ ހަމަދެރަވާނީ ތިކުޅޭ މީހުން އަނެއްކާ ތީގަ އޮޒިލް ނެތީމަ ތި ނުގަންނަ މީހުން ގިނަވީމަ ދެރަވާނީވެސް ހަމަ ތިކަންކުރިމީހުން
އީމަން
22 December 2019
މުސްލިމުނަށް އަނިޔާވެރިވާ ބައެއް ޗައިނާ ސަރުކާރަކީ، މި ހަގީގަތް އެކަކައްވެސް އޮޅިގެން ނޫޅެއެވެ.
ޗަކްނޯރިސް
22 December 2019
ރުޅި. އެއީ ހިތްވަރުގަދަކަމެއްނޫން އޮޒިލް އުޅެނީ ކަންދައްކާ މަޝްހޫރުވާން . ބޮޑާކަމާއި ކިބުރުވެރިކަމުން ޖަރުމަން ގެ ގައުމީ ޓީމުންވެސް އެހެރީ ބޭރުކޮށްފައި . ޢާސެނަލް ގެ ފުލްޓީމަށްވެސް މިހާރު ނާޜާ ރިޒާވް ކުޅުންތެރިއެއް . ޢެކަމަކު ދުނިޔޭގެ ވެސް އެންމެ ބޮޑު މުސާރަ ނަގާ އެއް ކުޅުންތެރިއާ . ފުޓްބޯޅަ ކުޅުންތެރިން ތިބެންޖެހޭނީ ފުޓްބޯޅަ ކުޅުންތެރިންގެ ގޮތުގައި .
ހި-ޔާލު
23 December 2019
މިހެން މިކަހަލަ ކަންކަން ވަނީ އެއްޗެހި ބުނަން ތިބޭ މީހުންނަށް ނުބުނެވޭތީ... އޮޒިލް މިހާރު ފުޓްބޯޅައިގެ މައިދާނުގަ ހުރި ހަމައަކީ މިކަމާ އަޅާކިޔަން ޖެހޭ ކަމެއްނޫން... ދެންތިބުނަނީ ފުޓްބޯޅަކުޅޭ މީހުން ކުޅުންތެރިންގެ ގޮތުގައި ތިބޭށޭ ޖެހޭނީ.. މިހާ ނާތަހުޒީބު ވިސްނުން ތިހުންނަނީ... ކޮންމެ އެއްޗެއް ކުޅުނަސް ކޮންމެ މަގާމެއްގަ ހުއްޓަސް އެމީހެއްގެ ލޯމަތީ ގޯސްކަމެއް ހިނގާއިރު އެކަމަށް އެއްޗެއް ނުބުނެ ބަލަން ހުރުން ފިނޑި ކަމަކީ...އައި ތިންކް ހީ އިޒް ބްރޭވް.
މެރޫން
24 December 2019
ތިހެން ބުނާ މީހާވެސް އޮޒިލްގެ ކަންކަމާ ނުބެހި ހުރޭ ތިމާމީހާގެ ގޮތުގަ.. މު އުއްމަތުގެ ހައްގުގަ ވާހަކަ ދެއްކޭނެ ކޮންމެ މީހަކަށްވެސް. ތިކަހަލަ ފިނޑިންހެން އެންމެން ނޫޅޭނެ
ޢަހްމަދު007
22 December 2019
ޗައިނާއަށް ހަގީގަތް ހަޖަމްނުވީ
ހަޑިގިއްލާ
22 December 2019
އޮޒިލް ފަދައިން މުސްލިމް އެހެން ކުޅުންތެރިން ބަސްބުނާނަމަ ޗައިނާފަދަ ގައުމުތަކުން ޔޫރަޕްގެ ބޮޑު އެއްވެސް ކުލަބެއްގެ މެޗެއް ނުދައްކައި ތިބެން ޖެހޭނީ. ސޮލާހް، މާނޭ، މަހްރޭޒް، ޕޮގްބާ، ބެންޒެމާ، ޒަކާ، ޝަގިރީ، ޑެމްބެލޭ، ކަންޓޭ، ހެޒާރޑު ފަަދަ ކުޅުންތެރިން ހުނު ތިބެގެން މިކަމެއް ނުވާނެ..
ރުޅި
22 December 2019
އޮޒިލްއަށް ސެލިއުޓްކުރަން. މުސްލިމުންގެ ހައްގުގައި ބަސްބުނަންކެރޭ މަދު ކުޅުންތެރިންގެ ތެރޭގައި އޮޒިލް ހިމެނުނީ ހިތްވަރުގަދަކަމުން. ސާބަސް
ހަނުހުންނަ މީހާ1
22 December 2019
ޗައިނާފަދަ މުސްލިމުންނަށް އަނިޔާވެރިވަމުންދާ ގައުމުތަކަށް އަހަރެން ވެސް ނަފުރަތުކުރަން. އޮޒިލްގެ ސަޕޯޓަރެއް ނޫންނަމަވެސް މިއަދުން ދެށިގެން ޕެސްކުޅުން ހުއްޓާލާފިން
ކެންޑްރިކް
22 December 2019
ޕެސް އެކަންޔެއް ނޫން. ފީފާގެ ޗައިނާ ވާޝަން އިންވެސް އޮޒިލް އުނިކޮއްފަ ވަނީ މިހާރު.