ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 9) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ވެލެންސިއާ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގެ 15 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. ކްރޫސް ނެގި ކޯނަރު ގޯލަށް ވަނީ ވެލެންސިއާގެ ކީޕަރު ޔޯމޭ ޑޮމެނެކް އަތުގައި ޖެހިފަ އެވެ. ނަތީޖާ ހަމަހަމަކުރަން މެޗުގެ 28 ވަނަ މިނިޓްގައި ކެވިން ގަމޭރޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ރެއާލަށް ލީޑުފުޅާކޮށްދިނީ ކުރިން ވެލެންސިއާ އަށް ކުޅުނު މިޑްފީލްޑަރު އިސްކޯ އަލާކޯން އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ އިސްކޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން އިސްކޯ ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފުގައި ރެއާލުގެ ތިން ވަނަ ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. އޭރިއާ ތެެރެއިން މޮޑްރިޗަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑެނީ ޕަރޭހޯ އެވެ. މިއީ އޭރިއާތެރެއިން ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު މި މެޗުގައި ފެނިގެންދިޔަ ގިނަ ކަންތައްތައްތަކަކުން. ހަގީގަތުގައި ސެމީ ފައިނަލެއްގައި މިހާ ބޮޑަށް އަހަރެމެން އަތުގައި ކޮންޓްރޯލް އޮތް މެޗެއް ފަހަކަށް އައިސް ނުދެކެން. މިއީ ކުޅުންތެރިން ކުރި މަސައްކަތުން ހާސިލްވީ ކަމެއް،" ޒިދާން ބުންޏެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ރެއާލާ ދެކޮޅަށް ނުކުންނާނީ މިރޭ ދެ ވަނަ ސެމީގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.