އަބިދާލް މައްސަލައިގައި ރިވާލްޑޯގެ ތާއީދު މެސީ އަށް

ބާސެލޯނާ (ފެބްރުއަރީ 9) – ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ދެމެދު އުފެދިފައިވާ މައްސަލައިގައި އޭނާ ހުރީ މެސީއާ އެއްކޮޅުގައި ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.


މި މައްސަލަ ޖެހުނީ، ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އަބިދާލް ބުނުމުންނެވެ. އެކަމުގައި މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.

މި މައްސަލަ ދިމާވިޔަސް އަބިދާލް މަގާމުގައި ދެމި ހުންނާނެ އެވެ. އެއާ އެކު މެސީ މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލަފާނެ ކަމަށް ވަނީ ވާހަކަތައް ދެކެވެން ފަށައިފަ އެވެ. މިކަމުގައި ރިވާލްޑޯ ބުނީ މެސީ އަށް އަބިދާލް ދެކެ ރުޅި އައުމުގެ ހައްގު އެބައޮތް ކަމަށެވެ.

"އަބިދާލް އެވަނީ ވަކި ކުޅުންތެރިޔެއްގެ ނަން ނުބުނެ، ސްކޮޑުގެ ޕްރޮފެޝަނަލިޒަމާ މެދު ސުވާލު އުފައްދާފައި. އޭގެ ސަބަބުން މުޅި ސްކޮޑަށް އަސަރުކުރާނެ. މެސީ މަސައްކަތްކުރީ ސްކޮޑް ދިފާއުކުރަން އަދި އޭނާގެ އަމިއްލަ ނަފްސު ވެސް މެ، ކެޕްޓަނެއްގެ ހައިސިއްޔަތުން،" ރިވާލްޑޯ ބުންޏެވެ.

ރިވާލްޑޯ ބުނީ އެފަދަ ވާހަކަތަކެއް އަބިދާލް ދެއްކީ ގަސްދުގައި ހެން ހީނުވާ ކަމަށާއި އެކަމަކު އޭގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކޮށްފައިވާ ކަމަށެވެ.