19 އެޕްރީލް 2019 - 12:25
ބާސެލޯނާ (އޭޕްރިލް 19) – ބާސެލޯނާ ދޫކޮށްލުމަކީ ނޭމާ ހެދި ގޯހެއް ކަމަށް ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ރިވާލްޑޯ ބުނެފި އެވެ.
ބްރެޒިލްގެ ސަންތޯސް އިން ވިދާލި ނޭމާ 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ 2017 ވަނަ އަހަރު އެ ކްލަބް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވުމަށެވެ. އެކަމަކު ޕީއެސްޖީގައި ވެސް އޭނާ އަށް ވުރެ ވިދަނީ ކީލިއަން އެމްބާޕޭ އެވެ.
'ނޭމާ ހެދީ ގޯހެއް. އޭނާ އަށް އެކަން އެނގެން ޖެހޭ،" ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ބުނީ ނޭމާ އެނބުރި ބާސެލޯނާ އަށް އަންނަ މަންޒަަރު ދެކެން ބޭނުންވާ ކަމަށާއި އެހެން ނޫން ނަމަ ރެއާލް މެޑްރިޑާ ގުޅި އަލުން ސްޕެނިޝް ފުޓްބޯޅައިގެ ތެރެއަށް އޭނާ އަންނަން ޖެހޭ ކަމަށެވެ.
ޕީއެސްޖީއާ ގުޅުނު ފަހުން ނޭމާގެ ވިދުން ވަނީ ފަނޑުވެފަ އެވެ. އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް ވަނީ ގެއްލިފަ އެވެ. އަދި ޕީއެސްޖީ އަށް ޔޫރަޕުގައި އެކަށީގެންވާ ކާމިޔާބެއް ނުހޯދޭތީ ވެސް ނޭމާގެ ކެރިއަރަށް ވަނީ އަސަރުކޮށްފަ އެވެ.
މެސީ ވެސް ވަނީ ނޭމާ އަލުން ބާސެލޯނާ އިން ފެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ކްލަބުން އަލުން އެވަރުގެ އިންވެސްޓެއްކޮށްފާނެ ކަމަށް ނުބެލެވެ އެވެ. ރެއާލް މެޑްރިޑުން އޭނާ ގެނައުމާ މެދު ސީރިއަސްކޮށް ވިސްނި އެވެ. އެކަމަކު އެ ކްލަބުގެ ޓްރާންސްފާ ޓާގެޓްތަކުގެ ތެރޭގައި އޭނާ މިހާރު ނުހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ވަކި ކަންތައްތަކެއް ހާސިލްނުވާނަމަ އޭނާ ބޭނުންވާ ކްލަބަކުން 120 މިލިއަން ޔޫރޯގެ ބިޑެއްކޮށްފިނަމަ އޭނާ ދޫކޮށްލަންޖެހޭ ގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ. ނޭމާ ޕީއެސްޖީގައި ތިން އަހަރު ވާނީ އަންނަ އަހަރުގެ ޖުލައި މަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
19 April 2019
މީޑިއާއިން ބޮޑު ހައިޕެއް ކްރިއޭޓްކޮށްގެން އުޅޭ އޯވަރރޭޓެޑް ކުޅުންތެރިއެއް ނޭމާއަކީ
އައްބެ
19 April 2019
އެބުނާހެން މެސީގެ ހިޔަނިން ސަލާމަތްވީމަ މިހާރުދެން މީހުން ނޭމާގެވާހަކައެއް ނުދައްކަ ވިދުންވެސް ވަރައް ފަނޑުވެއްޖެ
މީނަ
19 April 2019
ދޮންކަލޯ ފުޓްބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންވެސް އުޅެނީ މެސީގެ ހިޔަނީގައި. މެސީއަކީ ބެންޗްމާރކް.