ސާރީއާ މެދު ޔުވެންޓަސް އިން އުއްމީދު ކަނޑާލަނީ؟

ޓިއުރިން (ފެބްރުއަރީ 11) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ކޯޗު މައުރީޒިއޯ ސާރީ ވަކިކޮށް ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަލުން ގެންނަން އުޅޭ ކަމަށާއި ނުވަތަ އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ ގެންނަން ވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޔުވެންޓަސް އަށް މިދިޔަ ހަތަރު ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދިން އެލެގްރީ މިދިޔަ ސީޒަނަށް ފަހު ދޫކޮށްލީ އެ ކްލަބުން އާ ތަޖުރިބާއެއް ކުރަން ބޭނުންވާތީވެ އެވެ. ސާރީ އަކީ ތަށީގެ ގޮތުން ކާމިޔާބު ކޯޗެއް ނޫން ނަމަވެސް އޭނާ އަކީ ރީތި ސްޓައިލަކަށް ކުޅުވާ ކޯޗެކެވެ. އެހެންވެ ޔުވެންޓަސްގައި އޮތް ވަރުގަދަ ސްކޮޑާ އެކު ސާރީ މުޅިން ތަފާތު ފެންވަރަކަށް ޔުވެންޓަސް ގެންދާނެ ކަމަށް ބެލެވުނެވެ.

އެކަމަކު އެ ޓީމަށް މި ސީޒަނުގައި، ކުރިން ކުރި ވަރަށް ޑޮމިނޭޓެއް ނުކުރެވެ އެވެ. މި ވަގުތު އޮތީ ވެސް، އެއް ވަނައިގައި އޮތް އިންޓަ މިލާނާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ލީގުގެ ދެ ވަނައިގަ އެވެ. އަދި ތިން ވަނައިގައި އޮތް ލާޒިއޯއާ ދެމެދު ވެސް އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެކަން އެހެންވީ މި ހަފުތާގައި ކުޅުނު މެޗުން ހެލަސް ވެރޯނާ އަތުން 2-1 އިން ބަލިވުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސްގެ ބައެއް ބޯޑް މެމްބަރުން ބޭނުންވަނީ ސާރީ ވަކިކޮށް އެލެގްރީ އަލުން ގެންނާށެވެ. އެލެގްރީ އަށް ވަރަށް ގިނަ އޮފާތަކެއް ލިބިފައިވީ ނަމަވެސް މިވަގުތު ހުހަށް ހުރުމުން އޭނާ ގެނައުމަކީ ޔުވެންޓަސް އަށް އެހާ އުނދަގޫ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން އޭނާ އަދިވެސް ހުރީ ޔުވެންޓަސްގެ ކޮންޓްރެކްޓުގަ އެވެ.

އެހެން ރިޕޯޓްތައް ބުނާ ގޮތުގައި މި ސީޒަން ނިމެންދެން ސާރީ ބެހެއްޓުމަށް ފަހު ޔުވެންޓަސް އިން ބޭނުންވަނީ ސިޓީގެ ކޯޗު ގާޑިއޯލާ އަންނަ ސީޒަނުގައި ގެންނާށެވެ. ގާޑިއޯލާ އަށް މި ސީޒަނުގައި ސިޓީއާ އެކު މާ ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު ނެތުމާ އެކު އޭނާ ސީޒަން ނިމުމުން ވަކިވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ އޭނާ ހޯދުމަށް ޔުވެންޓަސް އަށް ފުރުސަތު އޮންނާނެ އެވެ.

ޔުވެންޓަސްގެ އެންމެ ބޮޑު އަމާޒަކީ 1996 ގެ ފަހުން އަތްލެވިފައިނުވާ ތަށްޓެއް ކަމަށްވާ ޗެމްޕިއަންސް ލީގު ހޯދުމެވެ. އެލެގްރީއާ އެކު ވެސް ދެ ފައިނަލުން ވަނީ ބަލިވެފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައީ ވެސް އެކަމަށެވެ. އެހެންވެ އެ މުބާރާތް ބާސެލޯނާއާ އެކު ދެ ފަހަރު ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ގެނައުމަކީ އެކަމަށް ފުރުސަތު ފަހިވާނެ ސަބަބެކެވެ.