ނޭޕްލްސް (ފެބްރުއަރީ 25) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ރަށުން ބޭރުގައި ނަޕޯލީއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، މިދިޔަ ދެ މުބާރާތުގައި ލިވަޕޫލާއި ރޯމާ އަތުން ބާސެލޯނާ ބަލިވި ގޮތުގެ ހަނދާންތަކަކީ ކުޅުންތެރިންނަށް ކުރިމަތިވާނެ ކޮންމެވެސް ވަރެއްގެ ހުރަހެއް ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރު ސެމި ފައިނަލުގައި ލިވަޕޫލް އަތުން ކެޓިއިރު އޭގެ ކުރިން ފަހަރު ކުއާޓާ ފައިނަލުގައި ރޯމާ އަތުންނެވެ. މި ދެ މެޗުން ވެސް ނަތީޖާ އެނބުރުނީ ބާސެލޯނާ އަތުގައި ފުރަތަމަ ލެގުގެ އެޑްވާންޓޭޖް އޮއްވަ އެވެ. ބާސެލޯނާގެ ކޯޗުކަމުން އާނެސްޓޯ ވަލްވޭޑޭ ދުރުކުރަން ބާސެލޯނާގެ ގިނަ ބަޔަކު ބޭނުންވީ ވެސް އެ ސަބަބުތަކަށްޓަކަ އެވެ.
ސެޓިއެން ހަވާލުވި ފަހުން ބާސެލޯނާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ މެޗަކަށް ނުކުންނައިރު އޭނާ އަށް ވެސް މާޒީގެ ހަނދާންތަކުގެ އުނދަގޫވަނީ ކުރިމަތިވެފަ އެވެ.
"ހަގީގަތަކީ އަހަރެމެން ވަރަށް ކުޑަކޮށް ދެއްކީ ރޯމާ އާއި ލިވަޕޫލް މެޗުގެ ވާހަކަތަށް. މިހެން އަހަރެން ބުންޏަސް ރަނގަޅަށް އެނގޭ އަހަންނަށް އެ ކުޅުންތެރިންގެ ސިކުނޑީގައި އެ ހަނދާންތައް ހުންނާނެ. އެއީ އޮތް ހުރަހެއް. އެކަމަކު ފުޓްބޯޅަ އަކީ ވިސްނުންތެރިކަމާ އެކު ޓީމެއް ކުޅޭ ގޭމެއް. އެ ވިސްނުމުގައި އަހަންނަށް މަސައްކަތްކުރެވޭނެ މި ޓީމަށް އިތުބާރު އެބައޮތް،" ސެޓިއެން ބުންޏެވެ.
އިޓަލީގެ އުތުރުގެ ހިސާބުތަކުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވުމުން، އިތުރަށް ފެތުރިދާނެކަމުގެ ބިރަށްޓަކައި އިޓާލިއަން ލީގުގައި މި ހަފްތާގައި ކުޅެން އޮތް މެޗުތަކެއް ވަނީ ފަސްކޮށްފަ އެވެ. ބާސެލޯނާ އިން މެޗު ކުޅެން ދިއުމުން ވަނީ އެ ޓީމު އެއްކޮށް ޓެސްޓްކޮށްފަ އެވެ. ސެޓިއެން ބުނީ އެކަމުގައި އެ ޓީމަށް އެއްވެސް އުނދަގުލެއް ދިމާނުވާކަމަށާއި އެކަމަކު އެ ބަލީގައި އުޅޭ ފަރާތްތަކަށް އޭނާގެ ފަރާތުން އަވަސް ޝިފާ އަކަށް އެދޭ ކަމަށެވެ.
ސެޓިއެން އަށް މި މެޗުގެ ކުރިން އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗުގައި ލިއޮނަލް މެސީ ހަތަރު ގޯލު ޖަހައި ރަނގަޅު ފޯމެއްގައި ހުރުމެވެ.
ނަޕޯލީ އަކީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކުރީގެ ކްލަބް އެވެ. ސެޓިއެން ބުނީ މަރަޑޯނާ އަށް ވުރެން މެސީގެ ކެރިއަރު ފުރިހަމަކަމަށެވެ. ނަޕޯލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ވެސް ވަނީ މަރަޑޯނާ އަށް ވުރެ މެސީ މޮޅު ކަމަށް ބުނެފަ އެވެ. އެކަމަކު ގަޓޫސޯގެ އެ ވާހަކަތަކަށް އޭނާގެ ޓީމުގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ އެއްބަހެއްނުވެ އެވެ.
"އަހަރެމެންނަކީ ނަޕޯލީ މީހުން. އަހަރެމެންގެ ލެޖެންޑަކީ އަދި އެންމެ މޮޅީ މަރަޑޯނާ. މެސީ އަކީ ވަރަށް ވަރަށް މޮޅު އެ ފަދަ ދެ ވަނަ އެއް ނެތް ކުޅުންތެރިއެއް،" އިންސީނިއޭ ބުންޏެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.