ނިއުކާސަލް (މާޗު 11) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުގެ އެންމެ ފަހު ބޯޅައިން ލަމީން ޔަމާލް، ބާސެލޯނާ ބަލިވިޔަ ނުދީ ހުއްޓުވައިފި އެވެ.
މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމެން ދިޔަ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ނިއުކާސަލް އިން ވަނީ ލަނޑެއް ޖަގައި ބާސާ ހާސް ކޮށްލައިފަ އެވެ. މި ލަނޑު ނިއުކާސަލް އަށް ޖަހައިދިނީ ހާވީ ބާންސް އެވެ.
ނަމަވެސް ޔަމާލް ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޕެނަލްޓީއަކުން ލަނޑު ޖަހައި ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މި ޕެނަލްޓީއަކީ މާލިކް ތިއޯ، ބާސާގެ ޑެނީ އޮލްމޯ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ބެޔާން މިއުނިކު ވަނީ ގަދަ 16 ގެ ފުރަތަމަ ލެގުގައި 6-1ގެ ބޮޑު ތަފާތަކުން އެޓަލާންޓާ ބަލި ކޮށްފަ އެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި މައިކަލް އޮލީސޭ ދެ ގޯލު ޖެހި އިރު، ޖޯސިޕް ސްޓެނިސިކް އާއި ސާޖް ގްނަބްރީގެ އިތުރުން ނިކޮލަސް ޖެކްސަން އާއި ޖަމާލް މުސިއާލާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އެޓަލާންޓާ އަށް ސުން ކަނޑުވައިދިނީ މާރިއޯ ޕަސަލިޗެވެ.
އަނިޔާއިން ރަނގަޅު ވެގެން އެނބުރި އައިސް ހެރީ ކޭން މި މެޗުގައި ބެޔާންގެ ބެންޗުގައި އިން ނަމަވެސް އޭނާ މި މެޗުގައި ކުޅެން އަރާފައެއް ނުވެ އެވެ.