ޖަރުމަނު ލީގުގެ މެޗެއްގެ ތެރެއިން ކޮލޯން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
05 މެއި 2020 - 15:01
ބާލިން (މެއި 5) - މެދުކަނޑާލާފައިވާ ޖަރުމަނު ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ތެރޭގައި މިހާތަނަށް، ޕޮޒިޓިވް 10 މީހުން ފެނިފައިވާ ކަމަށް ޖަރުމަން ލީގު ހިންގާ ޑީއެފްއެލް އިން ބުނެފި އެވެ.
ޑީއެފްއެލް އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޖަރުމަނުގެ އެއް ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ހުރިހާ ޓީމެއް ކަހަލަ ގޮތަކަށް ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށާއި އެ ގޮތުން 1724 ޓެސްޓުން ފެނުނީ 10 ޕޮޒިޓިވް ކޭސް ކަމަށެވެ. އޭގެ ތެރޭގައި ޖަރުމަނުގެ އެއް ވަނަ ޑިވިޝަން (ބުންޑަސްލީގާ)ގެ ކޮލޯންގެ ދެ ކުޅުންތެރިންނާއި ފިޒިއޯތެރަޕިސްޓް ހިމެނެ އެވެ. ޕޮޒިޓިވްވި ހުރިހާ ފަރާތެއް މިހާރު ވަނީ ހާއްސަ ކަރަންޓީނު ފެސިލިޓީ އަކަށް ގެންގޮސްފަ އެވެ.
ޑީއެފްއެލް އިން ބުނެފައިވަނީ ކުރެވުނު ޓެސްޓްޓުތަކަށް ފަހު ސަމާލުކަން ދޭންވީ އިތުރު ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށާއި ޕޮޒިޓިވް ކޭސްތަކެއް ފެނުނު ނަމަވެސް ލީގު ފެށުމުގެ މަސައްކަތަށް ހުއްޓުމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށެވެ.
"މި ޓެސްޓްތައް ކުރީ ސަމާލުކަން އިތުރުކުރަން. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން. އެ މަސައްކަތުގައި ކުރިއަށްދާން ލޯ ހުޅުވިގެން މިދިޔައީ އަދި މިކަން ނުނިމޭކަން. އަދި އިތުރަށް ސަމާލުވާނަން،" ޑީއެފްއެލްގެ އޮފިޝަލަކާ ހަވާލާދީ ޖަރުމަނުގެ ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި މަހު ނުވަ ވަނަ ދުވަހު ޖަރުމަނު ލީގު ފަށަން ކުރިން މަސައްކަތް ކުރި ނަމަވެސް އެ ތާރީހުގައި ނުފެށޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެކަމަކު ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރާގޮތުގައި ހުރިހާ ކްލަބަކުން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން ސަރުކާރުން ދެކޮޅު ނުހަދާނެ އެވެ.
ޖަރުމަނަކީ ކޮވިޑް-19 އަށް ޔޫރަޕުން އެންމެ ވަރުގަދަ އަށް ފިޔަވަޅު އެޅި އެއް ގައުމެވެ. އެ ގައުމުގައި ބަލި ޕީކަށް ނުގޮސް ކޮންޓްރޯލްކުރެވުމާ އެކު މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ފިޒިކަލް ޑިސްޓެންސިން ގައިޑްލައިންތަކާ އެއްގޮތަށް ފުޓްބޯޅަ ޓީމުތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ލީގު ފަށާނެ ފަހުގެ ތާރީހެއް ކަނޑައަޅާނެ ކަމަށް ބެލެވެނީ މާދަމާ ޖަރުމަނު ސަރުކާރުން ނިންމާ ނިންމުންތަކަށް ބެލުމަށް ފަހު އެވެ. ލީގުތައް އަލުން ފެށުމުގެ ހިޔާލަށް ޖަރުމަނު ސަރުކާރުގެ މިނިސްޓަރުން ވަނީ ތާއީދުކޮށްފަ އެވެ.
އަލުން ލީގު ނުފެށިއްޖެނަމަ ކްލަބްތަކަށް ބޮޑު މާލީ ގެއްލުންތަކެއްވާނެ ކަމަށް ޖަރުމަނު ކްލަބްތަކުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. އަލުން ފަށައިގެން ސީޒަން ނިންމާލެވިއްޖެނަމަ ޓީމުތަކަށް ޓީވީ ރައިޓްސް އާމްދަނީގެ ގޮތުގައި 325 މިލިއަން ޑޮލަރު ހޯދޭނެ އެވެ. ސީޒަން ކެންސަލްކޮށްލައިފިނަމަ ޖުމްލަ ލިބޭނެ ގެއްލުން އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy