ފްރާންސް ލީގު ކެންސަލްކުރީ މާ އަވަހަށް: ފެބްރިގާސް

މޮނާކޯ (މޭ 10) – މި ސީޒަނުގެ ފްރާންސް ލީގު ކެންސަލްކޮށްލަން ނިންމީ މާ އަވަހަށް ކަމަށް ދެކޭ ކަމަށް އެ ލީގުގެ މޮނާކޯގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.


ފްރާންސް ލީގަކީ ކޮވިޑް-19 ގެ ސަބަބުން ކެންސަލްކުރި ޔޫރަޕުގެ ހަމައެކަނި ބޮޑު ލީގެވެ. ޖަރުމަން ލީގުން މި މަހު އަލުން ފަށަން މަސައްކަތްކުރަމުން އަންނައިރު ޕްރިމިއާ ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގުން ވެސް އަންނަނީ ވީ އެންމެ އަވަހަކަށް ފަށަން ރާވަމުންނެވެ. މީގެ ތެރެއިން ސްޕެއިން އަދި އިޓާލިއަން ލީގުގެ ބައެއް ޓީމުތަކުން ވަނީ އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ.

ބެއިން ސްޕޯޓްސްއާ ވާހަކަދައްކަމުން ފެބްރިގާސް ބުނީ ލީގު ކެންސަލްކުރުމަކީ ބޮޑު ނިންމުމެއް ކަމަށާއި އެ ނިންމުން ނިންމި ސަބަބު އޭނާ އަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު ބޮޑެތި ބައެއް ލީގުތަކުން އަލުން ފެށޭތޯ މަސައްކަތްކުރަމުން އަންނައިރު، އޭނާ ދެކޭ ގޮތުގައި ފްރާންސް ލީގުން އެ ނިންމުން ނިންމީ ތަންކޮޅެއް އަވަހަށް ކަމަށް ދެކޭ ކަމަށް ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ބުނި ގޮތުގައި އެގޮތަށް ނިންމުމުގެ ފަހަތުގައި އޮތް ސަބަބު އޭނާ އަށް ފުރިހަމަ އަށް ގަބޫލުކުރެވެ އެވެ. އަދި އެންމެ މުހިއްމީ އެންމެންގެ އާއިލާ އާއި ސިއްހީ ރައްކާތެރިކަންކަމަށް ވާތީ ހުރިހާ ގޮތަކުން ރައްކާތެރި ތިބެން މާ ރަނގަޅު ކަމަށް ބުންޏެވެ. އެއާ އެކު މި ނިންމުމަށް 100 ޕަސެންޓް އޭނާ ތާއީދު ވެސް ކުރެ އެވެ.

"އެކަމަކު އިންޑިވިޖުއަލް ޓްރެއިނިންތައް ބޭއްވުމާ މެދު ވިސްނާލެވުނީސް. އެއީ އޭގެ ސަބަބުން ނުރައްކަލެއް ނޯންނާނެ. އެއްވެސް މީހަކާ ކޮންޓެކްޓެއް ނުވާނެ. އަދި އެއްވެސް މީހަކާ ގާތެއް ނުވާނެ،" ފެބްރިގާސް ބުންޏެވެ.

"މިއީ ވަރަށް އުނދަގޫ ނިންމުމެއް ޔަގީނުން ވެސް އަދި ކޮންމެސް މީހަކު ނިންމުން ނިންމަން ޖެހޭ ކަމަށް ވެސް ގަބޫލުކުރަން. އަހަރެމެންނަށް އޮތީ އެ މީހުން އަންގާ ގޮތަކަށް އަމަލުކުރުން. މިއީ ޕްރޮފެޝަނަލް އަދި އަމިއްލަ ހަޔާތުގައި ވެސް އުނދަގޫ ވަގުތެއް. އެކަމަކު ޖެހޭނީ ކެތްތެރިވާން އަދި ޔަގީނުން ވެސް ކުރިމަގުގައި ހުރިހާ ކަމެއް ރަނގަޅުވާނެ."

ފްރާންސް ލީގު ކެންސަލްކުރަން ޖެހުނީ ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭ ގޮތަށް ފްރާންސް ސަރުކާރުން އެންގުމުންނެވެ. އެގޮތުން ސަޕޯޓަރުން ނުވައްދައި ފުޓްބޯޅަ މެޗެއް ވެސް ކުރިއަށް ނުގެންދެވޭނެކަން ވަނީ އަންގައިފަ އެވެ.

ދި ފްރެންޗް ލީގު (އެލްއެފްޕީ) އިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު ނިންމީ 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދޭށެވެ. މާޗް މަހު ފްރާންސް ލީގު މެދުކަނޑާލިއިރު ގިނަ ޓިމުތައް އޮތީ 28 މެޗު ކުޅެފަ އެވެ. ލީގު މެދުކަނޑާލިއިރު މޮނާކޯ އޮތީ ނުވަ ވަނައިގަ އެވެ.