އިމޮބިލޭ، ޔޫރަޕުގެ ރަންބޫޓުގެ ރޭހުގެ ކުރިއަށް އަރައިފި

ރޯމް (ޖުލައި 30) – އިޓާލިއަން ލީގުގައި ރޭ ބްރެޝިއާ އަތުން ލާޒިއޯ 2-0 އިން މޮޅުވި މެޗުގައި ލަނޑު ޖަހައި އިޓަލީ ފޯވާޑް ޗީރޯ އިމޮބިލޭ ޔޫރަޕުގެ ރަންބޫޓް ހޯދުމުގެ ރޭހުގެ ކުރިއަށް އަރައިފި އެވެ.


ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ހޯދުމުގެ ރޭހުގައި މިހާތަނަށް ކުރީގައި އޮތީ 34 ލަނޑު ޖަހައިގެން ޖަރުމަނުގެ ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. އިމޮބިލޭ މިހާރު އެއް ވަނައިގައި އޮތީ 35 ގޯލާ އެކު އެވެ.

ޖަރުމަން ލީގު ނިމިފައިވާތީވެ ލެވޮންޑޮސްކީ އަށް ދެން ވާދަކުރެވޭނެ ގޮތެއް ނެތެވެ. އިމޮބިލޭ ފަހަތަށް ޖައްސާލައި ފަސް ވަނަ ފަހަރަށް އެވޯޑް މި ހޯދަން ފައި ވިއްދާފައިވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖުމްލަ އަކީ 31 ގޯލެވެ. ރޭ ކަލިއާރީ އަތުން 2-0 އިން ޔުވެންޓަސް ބަލިވި މެޗުގައި އޭނާ އަށް ލަނޑެއް ނުޖެހެ އެވެ.

ޔުވެންޓަސް އާއި ލާޒިއޯ އަށް ވެސް އޮތީ ބާކީ އެންމެ މެޗެކެވެ. ލާޒިއޯ ވާދަކުރާނީ ނަޕޯލީ އާ އެވެ. ޔުވެންޓަސް އަށް އޮތީ ރޯމާ މެޗެވެ.

މި އެވޯޑް މިދިޔަ ތިން ސީޒަނުގައި ހޯދީ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. އޭނާ ވަނީ ޖުމްލަ ހަ ފަހަރު ހޯދައި، ރަންބޫޓް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދައިފަ އެވެ. އިމޮބިލޭ މި ފަހަރު ކާމިޔާބުކޮށްފި ނަމަ އޭނާ ވަނީ 2006/2007 ވަނަ އަހަރު ރޯމާގެ ފްރެންޗެސްކޯ ޓޮޓީގެ ފަހުން ރަންބޫޓް ހޯދާ އިޓާލިއަން ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޖެހިގެން އައި އަހަރު ރޮނާލްޑޯ މި އެވޯޑް ހޯދި ފަހުން އޭނާ ނުވަތަ މެސީ ފިޔަވައި އެހެން ކުޅުންތެރިޔަކަށް ރަންބޫޓް ހޯދިފައިވަނީ ތިން ފަހަރެވެ. ފުރަތަމަ ހޯދީ 2008/2009 ގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުގެ ޑިއެގޯ ފޯލާން އެވެ. އޭގެ ފަހުން ލުއިސް ސުއަރޭޒް ދެ ފަހަރު އެވޯޑް ހޯދި އެވެ. އެއީ 2013/2014 ގައި ލިވަޕޫލުގެ ޖާޒީގައި އަދި 2015/2016 ގައި ބާސެލޯނާގެ ޖާޒީގަ އެވެ.

އަނެއްކޮޅުން ރޭގެ ގޯލާ އެކު، އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑާ ހަމަކުރަން އިމޮބިލޭ އަށް ދެން ބޭނުންވަނީ އެންމެ ގޯލެކެވެ. އެ ރެކޯޑް އޮތީ 2015/2016 ގައި ނަޕޯލީ އަށް 36 ގޯލް ޖަހައިދިން ގޮންޒާލޯ ހިގައިން އަތުގަ އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކާ އެކު، ޗެމްޕިއަން ޔުވެންޓަސް އެއް ވަނައިގައި އޮތީ 83 ޕޮއިންޓާ އެކު އެވެ. އިންޓަ މިލާން 79 ޕޮއިންޓާ އެކު ދެ ވަނައިގައި އަދި އެޓަލާންޓާ 78 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި 78 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ލާޒިއޯ އެވެ. މި ހަތަރު ޓީމު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

އަނެއްކޮޅުން ރޭ ޓޮރިނޯ އަތުން 3-2 އިން މޮޅުވެ، 67 ޕޮއިންޓާ އެކު ފަސް ވަނަ ކަށަވަރުކޮށް ރޯމާ ވަނީ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. އަދި ސަމްޕްޑޯރިއާ އަތުން 4-1 އިން މޮޅުވި އޭސީ މިލާން 63 ޕޮއިންޓާ އެކު ހަ ވަނަ އަށް ގޮސް ވާދަކުރަން ޖެހޭނީ ޔުރޮޕާ ލީގުގެ ކޮލިފައިންގަ އެވެ. އަދި 59 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތް ނަޕޯލީ ވަނީ އިޓާލިއަން ކަޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ.

ރޭ މިލާނަށް ޖަހައިދިން ދެ ގޯލާ އެކު އިބްރަހިމޮވިޗް އެ ޓީމަށް ލީގުގައި ޖަހައިދިން ލަނޑުގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. ކުރިން އިންޓަ މިލާނަށް 57 ގޯލް ޖަހައިދީފައިވާ އިބްރަހިމޮވިޗް ވެފައިވަނީ އެ ދެ ޓީމަށް އިޓާލިއަން ލީގުގައި 50 ގޯލް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިލާނަށް ޖަހައިދިން 51 ގޯލުގެ ތެރެއިން 42 ގޯލް ޖެހީ 2010-2012 އަށް އެ ޓީމަށް ކުޅުނުއިރެވެ.