ރޯމް (އޮގަސްޓް 12) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރި މަސައްކަތް ކާމިޔާބުވިނަމަ އެ ޓީމަށް ގެންނަން ނިންމާފައި އޮތީ އިޓަލީގެ ކޯޗެއް ކަމަށް ޔޫރަޕްގެ ރަން ބޫޓު މި ސީޒަނުގައި ހާސިލްކުރި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ ބުނެފި އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިސްވެ ނިއުކާސަލް ގަންނަން ކުރި މަސައްކަތް ސިޔާސީ އާއި އެ ނޫން ޕްރެޝަރުތަކުގެ ސަބަބުން ކާމިޔާބެއްނުވި އެވެ. ނިއުކާސަލް ގަންނަން ހަތަރު މަހަށް ވުރެން ގިނަ ދުވަހު ޕީއައިއެފް އިން ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރި އެވެ. އެ މުއްދަތުގައި ވަނީ ބައެއް ކުޅުންތެރިންނާއި ކޯޗުންނާ ވެސް ވާހަކަ ދައްކައިފަ އެވެ.

އެ ގޮތުން ނިއުކާސަލް އިން ވަނީ އިމޮބިލޭއާ ވެސް ވާހަކަ ދައްކައިފަ އެވެ. އިމޮބިލޭ ބުނީ އޭނާގެ އޭޖެންޓް އަލެސަންދްރޯ މޮގީއާ ނިއުކާސަލްގެ ފަރާތުން ވާހަކަތަކެއް ދެއްކި ކަމަށާއި އަދި އެ ޓީމަށް ހަވާލުވާނެ ކޯޗަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރި ކަމަށެވެ.

"ސައުދީގެ ފަރާތުން ނިއުކާސަލް ގަންނަން އުޅުނުއިރު އަހަންނަށް ވެސް ހުށަހެޅުން ލިބުނު. ޕްރިމިއާ ލީގުން ނިއުކާސަލްގެ ޑީލް ހަމަޖެހޭނެ ކަމަށް އޭރު ބުނި. އަދި ކަންތައްތައް ހަމަޖެހިގެންދިޔަހާ އަވަހަކަށް ނިއުކާސަލުން އާ ކޯޗެއް ގެންނާނެ ކަމަށް ބުނީ. އެ މީހުންގެ ވިސްނުން ހުރީ އިޓަލީގެ ކޯޗަކާ ޓީމު ހަވާލުކުރަން،" އިމޮބިލޭ ބުންޏެވެ.

އިމޮބިލޭ ބުނީ ސައުދީން ވާހަކަ ދައްކަމުން އައީ އޭސީ މިލާން އާއި ޔުވެންޓަސްގެ ކުރީގެ ކޯޗު މެސިމިލިއާނޯ އަލެގްރީ އަދި ރޯމާ އާއި އިންޓަ މިލާނުގެ ކުރީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީއާ ކަމަށެވެ. ނިއުކާސަލްގެ މިހާރުގެ ކޯޗަކަށް ހުރީ ސްޓީވް ބްރޫސް އެވެ.

މި ސީޒަނުގައި އިމޮބިލޭގެ ޖުމްލަ އަކީ 36 ގޯލެވެ. މިއީ އިޓާލިއަން ލީގުގެ ރެކޯޑެކެވެ.

އިމޮބިލޭ އަށް ވަނީ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފަ އެވެ. އޭގެ ތެރޭގައި އިޓަލީގެ މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީ އިރުޝާދުދޭ އެވަޓަން ހިމެނެ އެވެ. އެކަމަކު އިމޮބިލޭގެ ވިސްނުން ހުރީ ލާޒިއޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށް ކެރިއަރު ނިމެންދެން އެ ޓީމަށް ކުޅުމަށެވެ.

ޓޮރިނޯގައި ވިދާލި އިމޮބިލޭ ވަނީ ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ސްޕެއިނުގެ ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ. އޭނާ އަލުން ފޯމަކަށް އެޅުނީ 2016 ގައި ލާޒިއޯ އަށް ބަދަލުވި ހިސާބުންނެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 39 މެޗުން 10 ގޯލް ޖަހައިދީފަ އެވެ.