ނިއުކާސަލް ގަންނަން ކުރި ބިޑް ސައުދީން އަނބުރާ ގެންގޮސްފި

ނިއުކާސަލް (ޖުލައި 31) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރި ބިޑް އަނބުރާ ގެންދަން ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިންމައިފި އެވެ.


ނިއުކާސަލް ގަންނަން ހުށަހެޅީ ޕީއައިއެފް އަށް ބޮޑު ހިއްސާއެއް ލިބޭ ގޮތަށް އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. މި ޑީލްގައި މައިނޯރިޓީ ޕާޓްނަރެއްގެ ގޮތުގައި ރިއުބެން ބްރަދާސް ވެސް އޮތީ ބައިވެރިވާ ގޮތަށެވެ. މީގެ ތިން މަހެއްހާ ދުވަސްކުރިން ނިއުކާސަކް ގަންނަން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް ތަފާތު ގިނަ ޕްރެޝަރުތަކަކާ ހެދި ޕްރިމިއާ ލީގުން އޮތީ ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ނުކޮށްދީ އެވެ. އެއީ މި ޑީލްގައި ސައުދީގެ ބައިވެރިވުން އޮތުމުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ހެދި އެވެ.

ފާއިތުވި ހަފްތާގައި ނިއުކާސަލްގެ އާ ބޯޑުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ނަންތަކާއި ސައުދީ ސަރުކާރާ ސީދާ ގުޅުމެއް ވޭތޯ ޕްރިމިއާ ލީގުން ވަނީ ބަލަން ފަށައިފަ އެވެ. އެއީ ޕީއައިއެފް އަކީ ސައުދީ ސަރުކާރާ ވެސް ސީދާ ގުޅޭ ފަންޑަކަށްވާތީ އެ ފަންޑުން ނިއުކާސަލް އަށް ހަރަދުކުރާނީ ކިހާ މިންވަރެއްތޯ ވެސް އޮޅުންފިލުވަން ޕްރިމިއާ ލީގު އޮފިޝަލުން އޮތީ ނިންމައިފަ އެވެ. މިހާ ހިސާބަށް ކަންތައްތައް ގޮސްފައިވަނިކޮށް ޕީއައިއެފް އިން ކުއްލި ގޮތަކަށް ރޭ ނިންމީ ނިއުކާސަލް ގަންނަން ހުށަހެޅި ބިޑް އަނބުރާ ގެންދިއުމަށެވެ.

"ވަރަށް ބޮޑު ޕްލޭނަކާ އެކު ނިއުކާސަލް ފަދަ ފުޓްބޯޅައިގެ ސަރަހައްދަކަށް އަލުން ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގެ ވިސްނުމުގައި އަހަރެމެން މިކަން ކުރަން ނިންމި ނަމަވެސް މިހާ ހިސާބަށް އައިއިރު އެކަށީގެންވާ ޖަވާބެއް އަދި ކުރިއެރުމެއް ވެސް ފެނިފައިނުވާތީ މި ހިސާބުން މި މަސައްކަތް ހުއްޓާލަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާކުރުމަށް ފަހު،" ސައުދީގެ އޮފިޝަލަކު ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މައިކް އެޝްލީ، 2007 ވަނަ އަހަރު 134 މިލިއަން ޕައުންޑަށް ގަތް ނިއުކާސަލް ސައުދީ ޑީލްގެ ތެރެއިން ވިއްކާލަން ނިންމާފައި އޮތީ 300 މިލިއަން ޕައުންޑަށެވެ. ނިއުކާސަލްގެ މި ޑީލް ކުރިއަށްދިޔަނަމަ އެ ކްލަބްގައި ޕީއައިއެފްގެ ޗެއާމަންގެ ހައިސިއްޔަތުން ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އަކީ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.

ނިއުކާސަލް ޑީލަށް ވާގޮތެއް ނޭނގޭތީ ދާދި ފަހުން އެ ޓީމުގެ ކޯޗު ސްޓީވް ބްރޫސް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ވާނެ ގޮތެއް ނޭނގި ހުރެ ކުރު މުއްދަތެއްގެ ތެރޭގައި އަންނަ ސީޒަނަށް ތައްޔާރުވާން ފަސޭހައެއް ނޫން ކަމަށެވެ. އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ފަށާނީ ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު އެވެ.

ޑީލު ކުރިއަށް ދިއުމުގެ ހުރަހަކަށްވީ ސިޔާސީ ޕްރެޝަރު

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމާ އެކު މީގެ ކުރިން ވެސް އިނގިރޭސި ކްލަބެއް ގަންނަން މަސައްކަތްކުރި އެވެ. އެ ފަހަރު މެންޗެސްޓާ ޔުނައިޓެޑް ގަންނަން ކުރި މަސައްކަތުގައި ހުއްޓާލަން ޖެހުނީ ސިޔާސީ ޕްރެޝަރާ ހެދި އެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލާގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ނޫސްވެރިޔާ ޖަމާލް ހާޝިގުޖީ މަރާލުމުގެ ފަހަތުގައި ޝާހީ އާއިލާއާ ގުޅުވައިގެން ކުރެވުނު ތުހުމަތުތަކެވެ. ނިއުކާސަލް ޑީލަށް ވެސް އެ ތުހުމަތުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

އެ ގޮތުން ހާޝުގުޖީގެ އަންހެނުންގެ ވަކީލުން ވަނީ ނިއުކާސަލް ގަންނަން މުހައްމަދު ބިން ސަލްމާން ކުރައްވަމުން އަންނަ މަސައްކަތް ފުރިހަމަނުކޮށްދޭން އެދި ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެދިފައިވާ ކަންތައްތައް ފުރިހަމަކޮށްދޭން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވެސް ވަނީ ގޮވާލައިފަ އެވެ. ނިއުކާސަލް ޑީލާ ދެކޮޅަށް އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ އެމްނެސްޓީން ވަނީ ބައްދަލުވެސް ކޮށްފަ އެވެ. އަދި މި ޑީލުގައި ފޮރުވިފައިވާ ކަންތައްތައް ފުރިހަމަ އަށް ބެލުމަށް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ވެރިން ވެސް ދިޔައީ ބާރުއަޅަމުންނެވެ.

އެމްނެސްޓީން ތުހުމަތުކުރާ ގޮތުގައި ސައުދީން އިސްވެ ކުޅިވަރު ހަރަކާތްތަކަށް އިންވެސްޓްކުރަނީ އެ ގައުމުން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމުގެ ގޮތުންނެވެ. ސައުދީގެ ފައިސާގެ ނުފޫޒު ބޭނުންކޮށްގެން އަތްގަދަ ކުރުމުގެ ފުރުސަތު ޕްރިމިއާ ލީގުން ދިނުމަކީ އެ ލީގާ މެދު ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާނެ ކަމެއް ކަމަށް އެމްނެސްޓީން ބުނެ އެވެ. އެމްނެސްޓީގެ މި ވާހަކަތަކާ އެކު އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވަނީ ނިއުކާސަލް ޑީލް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ކުރިއަށްގެންދާއިރު މިކަމުގައި ހިމެނޭ ހުރިހާ ކަމަކަށް ވެސް ވަރަށް ރަނގަޅަށް ބަލަން ޕްރިމިއާ ލީގަށް އަންގައިފަ އެވެ. އަދި ހުރިހާ ދިމާލަކުން އެއްކުރަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްގެން ނޫނީ ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ނުކުރަން ސަރުކާރުން ވެސް އެންގި އެވެ.

ގިނަ ފިއްތުންތަކާ ހުރެ ނިއުކާސަލް ގަންނަން ސައުދީން ކުރި ހުރިހާ މަސައްކަތެއް ކަހަަލަ ގޮތަކަށް ވަކި ހިސާބަކުން ހުއްޓޭތީ އެންމެ ފަހުން އެ ހިޔާލު ދޫކޮށްލަން މަޖުބޫރުވީ އެވެ. ސައުދީގެ ހިއްސާ ބޮޑު ބަޔަކަށް ނިއުކާސަލް ވިއްކާނުލަން ޕީއެސްޖީގެ ރައީސް ނާސިރު ހެއްލާފީގެ ބޮޑު ހިއްސާއެއް އޮންނަ މީޑިއާ އެއް ކަމަށްވާ ބީން ސްޕޯޓްސް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

ބީން ސްޕޯޓްސް އިން ތުހުމަތުކުރާ ގޮތުގައި ހޯސްޓް ބްރޮޑްކާސްޓް އެގްރީމެންޓެެއް ނެތި ސައުދީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އޮފިޝަލުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތައް އަޑީގައި އޮވެގެން ޕްރިމިއާ ލީގުގެ މެޗުތައް ސައުދީގައި ދައްކަ އެވެ. އަދި ނިއުކާސަލް ޑީލް ކުރިއަށް ގޮސްފިނަމަ ސައުދީ އޮފިޝަލުން މިކަން ފުޅާ ދާއިރާއެއްގައި ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބީން ސްޕޯޓްސް އިން ރިޕޯޓްކުރެ އެވެ. ޕްރިމިއާ ލީގުން މީގެ ކުރިން ވަނީ ގަލްފް ސަރަހައްދުގެ ގައުމުތަކުގައި ޕްރިމިއާ ލީގުގެ މެޗުތައް ގަވާއިދާ ހިލާފަށް ލައިވްސްޓްރީމް ކުރާ މައްސަލަ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ބުނެފަ އެވެ.