ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފުލާ އަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ރައީސް މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ޖޫން 2025 - 02:02
ހައްޖުވެރިންނަށާއި އުމްރާގެ އަޅުކަމަށް ދާ މީހުންނަށް އަދި ދެ ހަރަމްފުޅަށް ޒިޔާރަތް ކުރުމަށް ސައޫދީ އަރަބިއްޔާ އަށް ދާ ކޮންމެ މީހަކަށް ވެސް ދެއްވާ ހާއްސަ މެހުމާންދާރީ އާއި ހިދުމަތްތަކަށާއި ފަހިކޮށްދެއްވާ ފަސޭހަތަކަށްޓަކައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި ސައޫދީގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޝުކުރެއް ދަންނަވައިފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މި ވަގުތު މައްކާގައި ހުންނެވި ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު އެ ދެބޭފުޅުންނަށް އަރިސް ކުރެއްވީ އެ މަނިކުފާނުގެ "އެކްސް" އެކައުންޓުގައި އަރަބި ބަހުން ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
ސައޫދީގެ ރަސްގެފާނާއި ވަލީއަހުމަދު އަދި ސަރުކާރުގެ އޯގާތެރިކަން ރައީސް މުއިއްޒު ސިފަކުރައްވާފައިވަނީ، ހިތަށް ވެސް ގެންނަން ދަތި، މަތިވެރި ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއް ނެތި އެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގަ އެވެ.
حفظ الله خادم الحرمين الشريفين الملك سلمان بن عبد العزيز آل سعود أطال عمره ومتعه بالصحة والعافية وحفظ ولي عهده الأمين سمو الأمير محمد بن سلمان بن عبد العزيز آل سعود. وجزاهم الله خيرا على جهودهم المباركة والخدمات الجليلة والتسهيلات العظيمة التي يقدمونها للحرمين الشريفين و للحجاج…
— Dr Mohamed Muizzu (@MMuizzu) June 5, 2025
ސައޫދީ ރަސްގެފާނުގެ ސަލްމާންގެ ހާއްސަ މެހުމާންދާރީގައި ހައްޖުގެ އަޅުކަމަށް ވަޑައިގެން އުޅުއްވަމުން ރައީސް މުއިއްޒު ވަނީ ސައޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތް ކުރުމުގެ ތައުފީގު އަބަދުވެސް ދެއްވުން އެދި ދުއާ ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ހިދުމަތުގައި ހެޔޮ ދަރުމަ އާއި ސަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވަނީ ހަސަދަވެރިންނާއި ހިޔާނާތްތެރިންނާއި މަކަރުވެރިންގެ ނުރައްކަލުން ސައޫދީ އަރަބިއްޔާ ސަލާމަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި މިދިޔަ ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ވަނީ ސައޫދީ އަރަބިއްޔާ އަށާާއި ރަސްގެފާނު ސަލްމާނާއި ވަލީއަހުދު މުހައްމަދަށް ތައުރީފު ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއާ ދޭތެރޭގައި ސައޫދީގެ ސަރުކާރުން ބާއްވަނީ ވަރަށް ގާތް ގުޅުމެއް އަދި އެ ގައުމުން ދެކެނީ ދިވެހިންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖެ އިން މި ފަހަރު ހައްޖަށް ގެންދިޔަ މީހުންނަށް ސައޫދީ ސަރުކާރުން ހާއްސަ އިންތިޒާމުތަކެއް ވަނީ ހަޖަމައްސައި ދީފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި މި ފަހަރު ރާއްޖެ އަލަށް ބައިވެރިކޮށް އޭގެ ފަސޭހަތައް ލިބުމެވެ. އެހެންވެ، ދިވެހި ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި އެއާޕޯޓުން އަވަހަށް ނުކުތުމުގެ މަގު ފަހިވި އެވެ.
އަދި ދިވެހިން މިނާގައި ތިބި ޓެންޓުތައް "މަތީ ކެޓަގަރީ" އަށް ބަދަލުކޮށްދީފައިވާ ކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
07 June 2025
މިރައީސް ވެރިކަމަށް އައިފަހުން ރާއްޖޭގެ ހުރިހާ މިސްކިތެއްގަ ފަސްވަގުތު ބަރާބަރަށް ބަންގި އެބަ ގޮވައެވެ.
ޢެމެރިކާގެއޅުން
07 June 2025
142ބިލިޔަން ޑޮލަރު މީގެ ދެހަފްތާ ކުރިން ދެއްވީ އެމެރިކާއަށް ހަތިޔާރު ގަންނަން. ޢެވަރު ބައެއްގެ ވާހަކަ ތިޔަދައްކަނީ
ހަޖާމްބެ
06 June 2025
ރައީސްގެ ޚާއްސަ ބެއްލެވުމުގެދަށުން މިފަހަރުގެ ހައްޖުގެ ކަންކަން ގެންދެވިލެއް ފުރިހަމަކަމުން ހައްޖާޖީން ރައީސަށް ޝުކުރު ނުދަންނަވާތަ؟
އަސް
06 June 2025
މިއަހަރު ނޫނީ ހައްޖެއް ނާންނަނީތަ،
ޗޗަސޗސދ
07 June 2025
މިއަރު ނޫނީ މިހާ ފަސޭހައިން ދިވެހިން ޙައްޖުވިތަ؟
އިއްޒަތު
06 June 2025
1446 ވަނަ އަހަރު ޙައްޖު ޑްރާމާ ކުޅުމުގައި މަނިކުފާނުވަރެއް މިފަހަރުނެތް ކުރެވުނުހާވެސް ކަމަކީ ދައުލަތުގެ ޚަރަދުގައި ޕާރޓީގެ އެކްޓިވިސްޓުން އެކިނަންނަމުގައި ޙައްޖަށް ގެންދިއުން. ރައްޔިތުން ދިގު ކިޔޫއެއްގައި ފައިސާ ދެއްކުމުންވެސް ހައްޖަށް ނުދެވިފައި. ރަސްގެފާނަށް ޝުކުރުދަންނަވަން އެންމެރަގަޅުވީސް ޙައްޖުގެ ވެއިޓިން ލިސްޓް ކްލެއަރ ކޮށްދެއްވިނަމަ!
ރަމަ
06 June 2025
ޓެންޓްތަކުގެ ފުރިހަމަކަމާއި، ރޭލުން ދަތުރުކުރި ވާހަކަ ދައްކާއިރު ބަލަ މިކަންކަމަކީ ތަރައްޤީވަމުން އަންނަވަރަކަށް ބަދަލު އަންނަ ޚިދުމަތްތަކެއް! މީރާއްޖެއަށް އެކަނި ދިން ޚިދުމަތެއްނޫން. ނަމަވެސް މިފަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަތް ޙައްޖުވެރިން ބޭނުންކޮށްގެން ކުޅުނީ ސިޔާސީ ޑްރާމާތަކެއް! ކަމެއް ކުރެވުނުކަމަށްވީސް އެއްހާސް މީހުންނަށްވުރެ ގިނައިން މިފަހަރު ޙައްޖަށް ފޮނުވުނުނަމަ 2040 ވަނައަހަރާއި ހަމައަށް ރައްޔިތުންތިބީ ހައްޖަށް ނުދެވި ކިޔޫގައި.
ރައްޔިތުސޮރު
06 June 2025
އަހަރަކަށްވުރެ އަހަރެއް ސައޫދީން ދާނީ ކަންކަން ރަނގަޅުކުރަމުން އެއީ ވަކިމީހަކު ވެރިކަމުގަ ހުރީމަކޮށްދޭކަންކަމެއްނޫން. ވެދުން...
އެޗް އެމް
06 June 2025
ޝުކުރުގެ ވެސް އެކި ލެވެލްތައް ވޭ ދޯ!
ނުރަބޯ
06 June 2025
ފަލަސްތީން ރައްޔިތުން ނިކަމެތި ޙާލުގައި ހައިހޫނު ކަމުގައި ބައިތިއްބާފައި އެހެންމީހުންނަށް މެހެމާންދާރީ އަދާކުރުމަކީ ވަރަށް ލަދު ހުތުރު ކަމެއް. އަދި އެއީ ކަންދެއްކުން. އެކަމުން ސަޢޫދީ ވެރިންނަށް ލިބޭނެ ހެޔޮކަމެއް އޮންނާނެ ކަމަކަށް ނުބެލެވޭ.
ގުދުގުދާބެއްޔާ
06 June 2025
މަހީކުރީ ސައުދީ ރަސްގެފާނު މުއިޒަށް ސުކުރުއަދާ ކުރި ކަމަށް! ނޭގޭނެތާ! މުޅި ޕީއެސްއެމްގެ ޚަބަރުގަވެސް އޮންނަނީ އެހެން!