ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިން މިނާގައި ތިބޭ ތަން ވެސް ސައޫދީ ސަރުކާރުން ވަނީ "މަތީ ކެޓަގަރީ" ގެ ތަނަކަށް ބަދަލުކޮށްދީފައި.
ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާއިރު އަރިހުގައި އިސްލާމިކް މިނިސްޓަރު ޝަހީމް އަދި އިސްލާމީ މަރުކަޒުގެ އިމާމް ޝައިހު ލަތީފް.---ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން
02 ޖޫން 2025 - 20:06
ރާއްޖެއާ ދޭތެރޭގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ބާއްވަނީ ވަރަށް ގާތް ގުޅުމެއް އަދި އެ ގައުމުން ދެކެނީ ދިވެހިންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ މައްކާގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާންދާރީގެ ދަށުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރައްވަން ރައީސް މުއިއްޒުގެ ދެކަނބަލުން ވެސް މިހާރު އުޅުއްވަނީ މައްކާގަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ.
އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ހައްުޖުވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ބޮޑަށް ފުރިހަމަ ކޮށްދޭން ކަމަށެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލައި، ކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ވާހަކަ ދައްކަވަނީ.
"މި ފަހަރު ހާއްސަ ކްލިނިކެއް ވެސް ހަމަޖެހިގެން ގޮސްފައިވޭ. އެއީ ވެސް ހަމަ ސައޫދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީގައި ވަރަށް އިސްކަމެއް ދެއްވައިގެން ކޮށްދެއްވި ކަމެއް. އެހެންވީމާ މި ގޮތަށް ހުރިހާ ކަމެއް ވެސް ތަރުތީބު ކުރެވިގެން މި ގެންދެވެނީ،" ރައީސް ވިދާޅުވި އެވެ.
ދެން ރައީސް ވިދާޅުވީ، މިނާގައި ދިވެހި ހައްޖުވެރިން ތިބޭނެ ތަނުގެ ވާހަކަ އެވެ. ކުރިއަށް ވުރެ މާ ފަސޭހަ އަދި އެ ތަން "މަތީ ކެޓަގަރީއަކަށް" ސައޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ބޭއްވި ހަފުލާ އަށް ހާޒިރުވި މީހުން.---ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން
ރައީސް މުއިއްޒު ވިދާޅުވީ، މި ފަހަރުގެ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަވާނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމަށެވެ.
މި ފަހަރު ހާއްސަ ކްލިނިކެއް ވެސް ހަމަޖެހިގެން ގޮސްފައިވޭ. އެއީ ވެސް ހަމަ ސައޫދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީގައި ވަރަށް އިސްކަމެއް ދެއްވައިގެން ކޮށްދެއްވި ކަމެއް.--- ރައީސް
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހި ހައްޖުވެރިން މި ފަހަރު ސައޫދީ އަށް ދަތުރުކުރުމުގައި ސައޫދީ ރަސްގެފާނާއި ވަލީ އަހުދުގެ ހާއްސަ ނިންމެވުމެއްގެ ދަށުން ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފަ އެވެ. އެ މަނިކުފާނު އެ އިޝާރާތް ކުރައްވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ މެމްބަރެއްގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދިނުމުން ހައްޖުގެ އަޅުކަމަށް ދަތުރުކުރުމުގައި ލިބުނު ބޮޑެތި ފަސޭހަތަކަށެވެ.
ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ބޭއްވި ހަފުލާ އަށް ހާޒިރުވި މީހުން.---ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރުމުން ޖިއްދާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުވަތަ އިމިގްރޭޝަންގެ ކިއޫގައި އެއްވެސް ގޮތަކަށް މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އިންތިޒާމު މި ފަހަރު ހަމަޖެހުނެވެ. އަދި ޖިއްދާގެ އެއާޕޯޓުން ވެސް ހާއްސަ ގޮތްތަކެއް ދިވެހިންނަށް ބެހެއްޓި އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އެ ކަމަށްޓަކައި ސައޫދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިވެހިންގެ ފަރާތުން ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރާ
03 June 2025
ޑޮކްޓަރ ޝަހީމަށް. ވެދުން ސަލާމް. ޢަރަފާތަށް ދިއުމުގެ ކުރިން އިސްލާމީ ޙުދޫދުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަކީ ކޮބައިކަން މަމެންނަށް އޮޅުންފިލުއްވައިދެއްވާ. އެއީ ތިބާގެ ޒިންމާއެއް. ﷲ އަށް ބިރުވެތިވެ ޒިންމާ އަދާކުރައްވާ. ޢީދުގައި މިހާރުވެސް އިސްލާމީ ޙުދޫދުން ބޭރުން ކުރެވެމުންދާ ކަންކަން ފާހަގަކޮށްދެއްވާ އެކަންކަން ނުކުރުމަށް އަމުރުކުރައްވާ.
ސަމދްް
03 June 2025
ރާއްޖެ ސައުދީ ގުޅުން އެހެން އެއްވެސް ވެރިކަމެއްގަ ބަދަހި ނުވާވަރަށް ބަދަހިވެއްޖެ.
ރިޔާޒްް
03 June 2025
މިއީ ހަމަ ރައީސް މުއިއްޒުގެ އަގުހުރި މަސައްކަތުގެ ނަތީޖާ
ތެފައާސާ.
03 June 2025
ސައޫދީން ކައިގެން ތިބިއްޔާ އަހަރެމެންވެސް ތިބޭނީ ކައިގެން، ދެއްތޯ؟
ކޯޓާ ބޭބެ
03 June 2025
ކޯޓާ ބޮޑުކޮށްދީފަ ތިޔަހެން ކިޔާ!
ށސ11
03 June 2025
މިދެންކޮން ބައްދަލުވުންތަކެއްތަ؟! ހައްޖުއަޅުކަން އަދާކުރަންގޮސް ގިނައިން އުޅެންވީ ހެޔޮކަންތަކުގަ
ލޮލްޒ
03 June 2025
އެއްބަނޑު އެއްބަފާ މީހުން އެންމެ ގިނައިން އަރާރުންވެ ތޮޅެ ޝަހީދުވަނީވެސް.
ފޮނިޓައްޕު ހަސަނު
03 June 2025
ބޮޑާކަމާއި ކިބުރު ވެރިކަމަކީ މާތްﷲ ރުހިވޮޑިގެން ނުވާ ސިފަތަކެއް.
ޕުރިންސް
02 June 2025
އާއެހެންވެ ދޯ އެހެން ގައުމުތަކަށް އެތައް ހާހުން ހައްޖު ކޯޓާ ދޭއިރު ރާއްޖެއަށް އެންމެ 1000 ކޯޓާ ދެނީ.
އަސާސީ ތައުލަިމު
02 June 2025
ސައުދީން ބާއްވަނީ އަޚުކަން! ޢިންޑިޔާ އިން ބާއްވަނީ އުޚުތު ކަން! އަބުން ބައްޕަ އުއްމުން މަންމަ ނިމުނީ