ލަންޑަން (ސެޕްޓެމްބަރު 23) - އިނގިރޭސި ލީގު ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލޫޓަން ޓައުން ބަލިކޮށް އަނެއް ބުރުން ފުރުސަތު ހޯދިއިރު، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެން އޮތް ލޭޓަން އޯރިއެންޓްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މެޗު ފަސްކޮށްފި އެވެ.

ލީގު ކަޕްގެ ތިން ވަނަ ބުރުގައި އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)ގެ ލޫޓަން ދަނޑުގައި ކުޅުނު މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ހުއާން މަޓާ އެވެ. މިއީ ޔުނައިޓެޑްގެ ބްރެންޑަން ވިލިއަމްސް އަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލޫޓަން އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު މި މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން އެންމެ ކައިރިއަށް ޖެހިލީ ޓޮމް ލޯކިއޭ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާ ތެެރެއިން ލޯކިއޭ ބޮލުން ޖެހި ބޯޅަ ޔުނައިޓެޑްގެ ގޯލުގައި ހުރި ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗަކީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ހެންޑަސަން ޔުނައިޓެޑްގެ ޖޯޒީގައި މިދިޔަ ތިން އަހަރު ތެރޭ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ޔުނައިޓެޑްގެ ފަހު ދެ ގޯލު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި މާކަސް ރެޝްފޯޑް އާއި މޭސަން ގްރީންވުޑް އެވެ. ލޫޓަން ކުޅުންތެރިން ނަތީޖާ ހަމަހަމަ ކުރަން ކުރިއަށް ޖެހިގެން ކުޅުނު ވަގުތުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ރެޝްފޯޑާއި ގްރީންވުޑް ވަނީ ރަނގަޅަށް ހިފައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކީޕަރު ހެންޑަސަން.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކީޕަރު ހެންޑަސަން.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ރޭގެ މެޗުގައި ފުރުސަތު ދިން ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ. ހާއްސަކޮށް ހެންޑަސަންގެ ނަން ފާހަގަކޮށް ސޯލްޝެއާ ބުނީ އެއް ވަނަ ކީޕަރަށް ވާން ބޭނުންވާ ކޮލިޓީ ހެންޑަސަންގެ ކިބައިގައި އެބަހުރި ކަމަށެވެ.

ހަތަރު ވަނަ ބުރުގައި ޔުނައިޓެޑް ކުޅެން ޖެހޭނީ ރަށުންބޭރުގަ އެވެ. އެއީ ތިން ވަނަ ބުރުގައި ބްރައިޓަން އާއި ޕްރެސްޓަން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ޓޮޓެންހަމް މެޗު ފަށަން ދެ ގަޑިއިރަށް ވެފައި ވަނިކޮށް މެޗު ކެންސަލްކުރަން ޖެހުނީ ލޭޓަން އޯރިއެންޓުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. މިހާރު އޮތްގޮތުން ލީގު ކަޕްގެ އަނެއް ބުރުގެ މެޗުތައް އަންނަ ހަފްތާ އަށް ޝެޑިއުލް ކޮށްފައިވާއިރު، ފަހަރެއްގައި ޓޮޓެންހަމާ ދެކޮޅަށް ލޭޓަން އޯރިއެންޓަށް ކުޅެވޭ ގޮތް ނުވެއްޖެނަމަ އޮޓޮމެޓިކުން ޓޮޓެންހަމަށް އަނެއް ބުރުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް ވެސް ގެންގުޅެ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި 5-1 އިން ހަލް ސިޓީ ބަލިކުރި މެޗުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓްތަކުން ވެސްޓް ހޭމްގެ ދެ ކުޅުންތެރިން ކަމަށްވާ އީސާ ޑިއޮޕް އާއި ޖޯޝް ކުލެން އަދި އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސް ވައިރަހަށް ޕޮޒިޓިވްވުމުން އެ މީހުން ވަނީ ވަގުތުން ގެއަށް ހޯމް އައިސޮލޭޝަނަށް ފޮނުވާލައިފަ އެވެ.