ފީފާ ބެސްޓް އެވޯޑްސް އަންނަ މަހު 17 ގައި

ޒިއުރިކް (ނޮވެމްބަރު 21) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ "ބެސްޓް އެވޯޑްސް" އަންނަ މަހު 17 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.


ފީފާއިން ކުރިން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި ފީފާ އެވޯޑްސް ބާއްވާށެވެ. މިދިޔަ އަހަރު ވެސް އެވޯޑްސް ބޭއްވީ މިލާނުގަ އެވެ. އެކަމަކު ކޮވިޑް-19 ފެތުރޭތީ ޖެހުނީ އެވޯޑް ހަފްލާ ފަސްކުރާށެވެ.

ކޮވިޑްގެ ހާލަތު އޮތްގޮތުން ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް އަދިވެސް އިވެންޓްތައް ނުބޭއްވޭތީ ފީފާ އިން މިހާރު ނިންމާފައި އޮތީ އަންނަ މަހު 17 ވަނަ ދުވަހު ބާއްވާ މި އަހަރުގެ ފީފާ އެވޯޑް ހަފްލާ ވާޗުއަލްކޮށް ކުރިއަށްގެންދާށެވެ. މި އަހަރު ގިނަ ހަފްލާތައް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށް ވީހާ ވެސް މަދު ބަޔަކު ބައިވެރިކުރެވޭ ގޮތަށެވެ.

ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯ އެވެ. މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާ އިން އިތުރު ގިނަ އެވޯޑްތަކެއް ދެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑާއި ފީފާ ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އިލެވެން ހިމެނެ އެވެ.

ބެސްޓް އެވޯޑްސް ފެށުމަށް ފަހު ފީފާ އިން ގެނައި އެންމެ މުހިއްމު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.

ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް އަދި ލިއޮނަލް މެސީ އެވެ.

މި އަހަރުގެ އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.