ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދޭ "ޕީސް ޕްރައިޒް" އުވާލުމަށް ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ލީސާ ކްލެވެނަސް ގޮވާލައްވައިފި އެވެ.
ފީފާގެ އެކްސްކޯއިން ފާސްކުރުމުގެ ކުރިން އެ އިދާރާއިން މިދިޔަ ނޮވެމްބަރު މަހު ވަނީ "ފީފާގެ ޕީސް ޕްރައިޒް" ގެ ނަމުގައި އެވޯޑެއް ނިންމާފައިވާކަން އިއުލާން ކުރި އެވެ. މިދިޔަ ޑިސެމްބަރު މަހު ވޮޝިންޓަންގައި ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޓްރަމްޕަށް މި އިނާމު އެރުވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ނުލިބުމުން، އޭނާ "ހިތްހަމަޖައްސާލުމުގެ" ގޮތުން އިންފަންޓީނީ ދިނން ހަދިޔާއެކެވެ.
މި އެވޯޑު ޓްރަމްޕަށް ދިނުމާ ގުޅިގެން ކްލެވެނަސް ވަނީ އިންފަންޓީނޯގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ އެތިކްސް މައްސަލައަށް ތާއީދުކުރައްވާފަ އެވެ. ނޯވޭގެ ފުޓްބޯޅަ އިދާރާގެ ރައީސް ކްލެވެނަސް ވަނީ ތާއިދޫ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފީފާއަކީ ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހޭ އިދާރާއަކަށް ވާންޖެހޭނެ އެވެ. އަދި ދުނިޔޭގެ ލީޑަރުންނާ ފީފާއާ ދެމެދު ވަކި ދުރުމިނެއް ބަހައްޓަންޖެހެ ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ފީފާ ޕީސް ޕްރައިޒް އުވާލަން. މިއީ ފީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން. މި މަސައްކަތް މިނިވަންކަމާއެކު ކުރާނެ ނޮބެލް އިންސްޓިޓިއުޓް އެބައޮތް،" ކްލެވެނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުލްހައިގެ އިނާމެއް ދިނުމަށްޓަކައި ބޭނުންވާ ފަންނީ ތަޖުރިބާއާއި ވަސީލަތްތައް ފީފާގައި ނެތް ކަމަށެވެ. އަދި މިފަދަ އެވޯޑުތަކަކީ މިނިވަން މުއައްސަސާއަކުން ނުދޭނަމަ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަންނާނެ ކަންތައްތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ
މި އެވޯޑަށް މީހުން ހޮވާނެ އުސޫލެއް ނުވަތަ ނޮމިނޭޓް ކުރާނެ ގޮތެއްވެސް ފީފާއިން ހާމަކޮށްފައެއް ނުވެ އެވެ.
"މިފަދަ އިނާމެއް ދިނުމަށް ފަނޑިޔާރުންގެ ޓީމެއް އެކުލަވާލައި މިންގަނޑުތަކެއް ކަނޑައެޅުމަކީ މުޅި ވަގުތު ހުސްކޮށްގެން ކުރަންޖެހޭ ވަރަށް ނާޒުކު މަސައްކަތެއް. ފީފާގެ ހިންގުމުގެ ނިޒާމަށް ބަލާއިރު، މިއީ ކުރިއަށް އޮތްތަނުގައި ކުރަންވީ ކަމެއް ނޫން،" ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ކްލެވެނަސް ވިދާޅުވި އެވެ.
މި މައްސަލައިގައި ހިއުމަން ރައިޓްސް ގްރޫޕެއް ކަމަށްވާ "ފެއާސްކުއާ" އިން ވަނީ އިންފަންޓީނޯއާ ދެކޮޅަށް ފީފާގެ އެތިކްސް ކޮމިޓީ އަށް ޝަކުވާ ހުށަހަޅާފަ އެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރާ ގޮތުގައި، ޓްރަމްޕާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިންފަންޓީނޯ ވަނީ ފީފާގެ ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހުމުގެ ގަވާއިދާ ހަތަރު ފަހަރެއްގެ މަތިން ޚިލާފުވެފަ އެވެ
އަންނަ ބުރާސްފަތި ދުވަހު ބާއްވާ ފީފާ ކޮންގްރެސްގައި މިކަމާ ގުޅޭ ބޮޑު ބަހުސެއް ހިނގާނެ ކަމަށް ބެލެވެ އެވެ.