ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދިފާއުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.
އިންފަންޓީނޯ މަގާމުން ދުރުކުރުމަށް، ހަގީގަތާ ހިލާފު ވާހަކަ ފަތުރައި މަސައްކަތް ކުރާކަމުގެ ތުހުމަތު ފީފާއިން ވަނީ ކޮށްފަ އެވެ. އިންފަންޓީނޯ އިއުލާން ކުރި ފީފާގެ އެންޓަޕްރައިޒަސް ޕެލޭނަށް، ބައްރުތަކުގެ ކޮންފެޑްރޭޝަން ތަކުން ދެޮކޮޅެވެ.
އެ މައްސަލައިގައި އެންމެ ހަރުކަށި ގޮތެއް ނިންމީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިންނެވެ.
އެ އިދާރާގެ 55 މެންބަރު ގައުމުން އިއްތިފާގުވެ ނިންމީ، ވޯލްޑް ކަޕާއި ފީފާގެ އެހެންނިހެން މުބާރާތްތައް ބޮއިކޮޓް ކުރުމަށެވެ. އޭގެ ފަހުން އިންފަންޓީނޯ ނިންމީ އެ ޕްލޭން އަނބުރައި ގެންދިއުމަށެވެ.
އެކަމަކު ވެސް ޔޫއެފާއިން ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ނިންމި ނިންމުން އަނބުރައި ގެންދިއުމުގެ ބަދަލުގައި އިންފަންޓީނޯ އަށް އިތުރަށް ޕެރެޝަރު ކުރަން ފެށި އެވެ. އިންފަންޓީނޯއާ މެދު ޔޫއެފާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާއިން ނިންމި އެވެ.
ބޮޑު ޕްރެޝަރެއް، އިންފަންޓީނޯ އަށް ކުރިމަތިވެފައިވާ ވަގުތެއްގައި ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުރޫތު ސޯޝަލްގައި އޭނާ ވިދާޅުވީ އިންފަންޓީނޯ މަގާމުން ދުރުކުރުމަކީ ހަދަން އުޅޭ ގޯހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށެވެ. އިންފަންޓީނޯ އޭގެ ފަހަތުގައި ނެތް ނަމަ، އެ މުބާރާތް އެހާ ކާމިޔާބު ނުވީސްކަމަށް ޓްރަމްޕް ސިފަ ކުރެއްވި އެވެ.
"ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބަދަލުކުރުމަށް ވިސްނާނަމަ ވެސް، އެއީ ފީފާއިން ހަދާނެ ވަރަށް ބޮޑު ގޯހެއް،" ޓްރަމްޕް ލިޔުއްވި އެވެ.
"އޭނާއަކީ މޮޅު މީހެއް. އޭނާ މިހާރު ވަނީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް އިތުރު ހަތަރު ގުނައަށް ކާމިޔާބުކަމާ އެކު ނިންމައި ދީފައި. އޭނާ ނެތިއްޖެނަމަ ދެން ދުވަހަކުވެސް މިހާ ފައިދާބޮޑެއް ނުވާނެ އަދި ކާމިޔާބެއް ވެސް ނުވާނެ."
އެމެރިކާ ނިސްބަތްވާ އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކާފް އާއި ޔޫއެފާ އަދި އޭއެފްސީ ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ފީފާގެ އުސޫލުތަކާ، އިންފަންޓީނޯ ހިލާފުވެފައިވުމުން އޭނާ އަށް މިހާރު އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސްއިން ބުނި ގޮތުގައި ފީފާގެ އެންޓަޕްރައިޒަސް ޕްލޭނުގެ ހިއްސާ ގަންނަން އުޅުނު އެއް ކުންފުންޏަކީ ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ ތުރައިވް ކެޕިޓަލް އެވެ.