ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

އިންސްޓަގްރާމް ޕޯސްޓެއް މައްސަލައިގައި ކަވާނީ ހޫނުފެނަށް

30 ނޮވެމްބަރ 2020 - 08:50

informative icon 70%

ލަންޑަން (ނޮވެމްބަަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދޭން އެހީވި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އުމުރުން 32 ކަވާނީ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. މެޗަށް ފަހު ސަޕޯޓަރުން ކަވާނީ އަށް މަރުހަބާ ކިޔުމަށް ކުރި ޕޯސްޓުތަކެއްގެ ތެރެއިން އެއް ޕޯސްޓު ކަވާނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު އޭނާ ވަނީ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފަ އެވެ. އެއާ އެކު ވަގުތުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަން އެނގުމާ އެކު ކަވާނީ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ.

ޔުނައިޓެޑްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކަވާނީ އެ ޕޯސްޓުގައި އިބާރާތް ބޭނުންކުރީ އޭނާގެ ގާތް މީހަކާ ބެހޭގޮތުން ކަމަށާއި އޭގެ ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

މީގެ ކުރިން ކަވާނީ އެ ޕޯސްޓުގައި ބޭނުންކުރި ފަދަ އިބާރާތެއް ބޭނުންކޮށްގެން ލިވަޕޫލަށް ކުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް ވަނީ އަދަބު ދީފަ އެވެ. ސުއަރޭޒް 2011 ވަނަ އަހަރު ޔުނައިޓެޑްގެ ޕެޓްރިސް އެވްރާއާ ދިމާލަށް އެ ބަސް ބޭނުންކުރުމުން 40،000 ޕައުންޑުން ޖޫރިމަނާކޮށް އަށް މެޗަށް ސަސްޕެންޑްކުރި އެވެ.

ނަސްލީ ތަފާތު ކުރުމުގެ މައްސަލަތައް އިނގިރޭސި އެފްއޭ އިން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނައިރު މިދިޔަ ސީޒަނުގައި ޓްވީޓެއްގެ މައްސަލައިގައި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އަށް ވެސް ވަނީ ސަސްޕެންޝަނެއް އަތުވެފަ އެވެ. ސިލްވާ އެ ޓީމުގެ ބެންޖަމިން މެންޑީއާ ބެހޭގޮތުން ކުރި ޓްވީޓެއްގައި ސްޕެއިނުގެ ޗޮކްލެޓް ބްރޭންޑެއްގެ ކެރެކްޓާ ކޮންގީޓޯސް އާއި މެންޑީގެ ކުޑައިރުގެ ފޮޓޯ އެއް ހިމަނައިގެން މީހުންގެ ކިބައިން އެއީ ކާކުތޯ ސުވާލު އުފެއްދި އެވެ. އެ ޓްވީޓާ މެދު މެންޑީގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އެކަމަކު ސަޕޯޓަރުން އެ ޓްވީޓްގެ މައްސަލައިގައި ވާހަކަ ދައްކަން ފެށުމުން ފަހުން ބެނާޑޯ އެ ޓްވީޓް ޑިލީޓް ކުރި އެވެ. އެފްއޭ އިން އެ މައްސަލަ ބެލުމަށް ފަހު ނިންމީ 50،000 ޕައުންޑުން ޖޫރިމަނާކޮށް ބެނާޑޯ އެއް މެޗަށް ސަސްޕެންޑްކުރާށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454