13 ޖެނުއަރީ 2021 - 10:17
މެޑްރިޑް (ޖެނުއަރީ 13) – އަމިއްލަ ދަނޑުގައި ސެވިއްޔާ 2-0 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެތުލެޓިކޯ މެޑްރިޑް އެއް ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި އޮތް ރެއާލް މެޑްރިޑަށް 18 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 18 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. މާނައަކީ ރެއާލާއި ބާސެލޯނާއާ އެއްވަރަށް އެތުލެޓިކޯ އިން މެޗުގެ އަދަދު ހަމަކުރާއިރު އެ ޓީމަށް ބޮޑު ލީޑެއް ނެގުމުގެ ފުރުސަތު އޮތުމެވެ.
މެޑްރިޑަށް ފޭބި ސްނޯއާ އެކު ގަނޑުވެފައިވާ މާހައުލެއްގައި ކުޅުނު މި މެޗުގައި ސެވިއްޔާ ކޮޅަށް އެތުލެޓިކޯގެ ފުރަތަމަ ގޯލް 17 ވަނަ މިނެޓުގައި ޖެހީ އެންހެލް ކޮރެއާ އެވެ. މިއީ ކިއެރަން ޓްރިޕިއާ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އެތުލެޓިކޯގެ ދެ ވަނަ ގޯލް 76 ވަނަ މިނެޓުގައި ޖެހީ ލޮރެންޓޭ އުފެއްދި ފުރުސަތަކުން ސައުލް އެވެ.
ރޭ ބަލިވި ސެވިއްޔާ އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މިއީ އެ ޓީމު ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy