ކޮވިޑް-19 ފެތުރޭތީ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއްދީ، މަސްގަތުމަށް ބޭނުންވާ ފައިސާ ދިނުމަށް، ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްްޖޭން ކުރާ މަސައްކަތުގެ މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫގް އަބްދުލް އަޒީޒް މިރޭ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން މަސްވެރިންނާ ބައްދަލުކޮށް، އެ އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވާފައިވާ ކަމަށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ މަސް ގަންނަ ފަރާތްތަކަށް ދެގޮތަކުން ދަތިކަމާ ކުރިމަތިވެފައިވާ ކަމަށެވެ.

މަސްގަންނަ ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެއް ދައްޗަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ދަށްވެ، ބޮޑުކަންނެއްޔަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑް ދަށްވުމެވެ. އަނެއްް ކަމަކީ ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުން އެކި ސަރަހައްދުތަކަށް ވައިގެ ދަތުރުތައް ހުއްޓާލާފައި ވުމުން މަސް އެކްސްޕޯޓް ނުކުރެވުމެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ މަސްވެރިކަމުގެ އިންޑަސްޓްރީގެ ބޭބޭފުޅުންނާ ބައްދަލުކުރައްވައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން ކޮންމެވެސް ވަރަަކަށް ވާހަކަ ދައްކާފައި، އަޅުގަނޑުމެންނަށް މިހާރު އެނގޭ ތަފްސީލްތަކަކީ 100 މިލިއަން ރުފިޔާގެ ލޯނު، އެސްޑީއެފްސީ މެދުވެރިކޮށް، މަސް ގަންނަ ފަރާތްތަކުގެ ކޭޝް ފްލޯ ރަނގަޅު ކުރުމަށް ވަނީ މިހާރު ހަމަޖެހިފަައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރަށް އެރި ބުރުލާއި ޑިމާންޑް ދަށްވުމުގެ ސަބަބުން ކަންނެލި ބޭރު ނުކުރެވި ހުންނާތީ ގުދަން ކުރުމަށް ކުރިމަތިވެފައިވާ މައްސަލަ އަށް ވެސް އެސްޑީއެފްސީން އެހީވާނެ ކަމަށެެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ އަދަދެއްގެ ރީފާ ކޮންޓެއިނާ ގެނައުމުގެ މަސައްކަތް އެސްޑީއެފްސީން ކުރަމުންދާކަން އަދި މީއްޗިހި ހެޔޮ އަގެއްގައި، މަސްގަންނަ ފަރާތްތަކަށް ލިބޭނެ ގޮތް ހަދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް [ފިޝަރީޒް މިނިސްޓްރީން] ވިދާޅުވޭ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސާދު ދަށްވުމާއި ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން މައްސަލަތައް އަދި ކުރިމަތިވީ ފިނިކުރި މަހުގެ ގޮތުގައި ބޮޑުކަންނެލި ބޭރުކުރާ ފަރާތްތަކަށް އެކަންޏެވެ. ކަޅުބިލަމަސް ގަނެ، ދަޅު ބަންދުކުރާ ފަރާތްތަކަށް އަދި މާބޮޑު ދައްޗެއް ނުވެ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ރާއްޖޭން ކުރާ މަސައްްކަތުގައި މިހާތަނަށް މުޅި ރާއްޖޭން 463 ސާމްޕަލެއް ވަނީ ނަގައިފަ އެވެ. ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 13 އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

ރޯގާ ޖެހޭ މީހުންނާއި ބައްޔަށް ޝައްކުވާ މީހުން އެކަހެރިކޮށްފައި ބައިތިއްބަން ހަދާފައިވާ ވިލިވަރު ކަރަންޓީންގައި 25، މީހަކާއި ހުޅުލޭ އައިސޮލޭޝަންގައި 57 މީހަކާއި ފަރުކޮޅު އައިސޮލޭޝަންގައި 15 މީހަކު އަދި ޑީއެޗް އައިސޮލޭޝަންގައި 2 މީހަކު މިހާރު އެބަ ތިއްބެވެ. އަދި މިހާރު ވަނީ ފަން އައިލެންޑް ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.