ކާމިޔާބު ފިލްމު "ސައްޔާރާ" އިން ބޮޑު މަގުބޫލު ކަމެއް ހޯދި ޒުވާން އެކްޓަރު އަހާން ޕާންޑޭ އާއި ބޮލީވުޑްގެ އެކްްޓްރެސް ޝަރްވަރީ ވާގް އެކުގައި ފެންނާނެ އާ އެކްޝަން-ރޮމޭންސް ފިލްމުގެ ނަމަކީ "ބޭޕަރުވާ" ކަން ޔަޝް ރާޖް ފިލްމްސް އިން އިއުލާންކޮށް، އެ ފިލްމުގެ ފުރަތަމަ ޓީޒާ ޕޯސްޓަރު އިއްޔެ ދައްކާލައިފި އެވެ.

މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗު 26 ގަ އެވެ.

އާންމުކުރި ޕޯސްޓަރުން ފެންނަނީ އަހާން އާއި ޝަރްވަރީ އެކަކު އަނެކަކާ ގާތްވެލައިގެން ތިބޭއިރު، އަހާންގެ އަތުގައި ބަޑިއެއް އަދި ޝަރްވަރީގެ އަތުގައި ގިޓާއެއް އޮންނަ މަންޒަރެވެ. މި ފިލްމުގެ ޓެގްލައިނަކީ "ފިއަލެސް އިން ލަވް ނުވަތަ ލޯބީގައި ބިރުކުޑަ" އެވެ.

މިއީ ބޮކްސް އޮފީހުގައި 570 ކުރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ރޮމޭންޓިކް ފިލްމުގެ ރެކޯޑް ހެދި "ސައްޔާރާ" އަށް ފަހު އަހާން ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި ޔަޝް ރާޖް ފިލްމްސްއާ އެކު އަހާން ސޮއިކޮށްފައިވާ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމަކީ ވެސް މި އެވެ.

"ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ކަހަލަ ބޮޑެތި ބްލޮކްބަސްޓާތައް އުފެއްދި ޑައިރެކްޓަރު ޒަފަރު އަލުން ވައިއާރްއެފަށް އުފައްދާ މި ފިލްމަކީ، އެކްޝަނާއި އަސަރުގަދަ ލޯބީގެ ހާދިސާތައް އެކުލެވެވޭ ފިލްމެކެވެ.

މިއީ ބޮޑު ސްކްރީނުގައި އަހާން އާއި ޝަރްވަރީ އެކުގައި ޖޯޑެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.