ކާމިޔާބު ފިލްމު "ސައްޔާރާ" އަށް ފަހު، ޒުވާން އެކްޓަރު އަހާން ޕާންޑޭ ކުޅޭ އޭނާގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.
އަހާންގެ ދެވަނަ ފިލްމަކީ އަދި ނަން އިއުލާންކޮށްފައި ނުވާ، މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމެކެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އުފައްދާ އެ ފިލްމުގެ ޝޫޓިން ފެށިކަން ޑައިރެކްޓަރު ވަނީ ސޯޝަލް މީޑިއާގައި އިއްޔެ ހާމަކޮށްފަ އެވެ.
އެ ފިލްމުގައި އަހާންއާ އެކު މުހިންމު ރޯލުތައް ކުޅެނީ ޝަރްވަރީ އަދި "ނިޝާންޗީ" އިން މަގުބޫލުކަން ހޯދި އައިޝްވަރީ ތާކްރޭ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ފުރަތަމަ ބައި އިންޑިއާގެ މުމްބާއީގައި ޝޫޓް ކުރުމަށް ފަހު، އަންނަ މޭ މަހު މުޅި ޓީމު ލަންޑަނަށް ފުރުމަށް ހަމަޖެހިފައިވެ އެވެ.
ލަންޑަނުގައި ބޮޑު އެކްޝަން މަންޒަރުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އަހާން އަންނަނީ މާޝަލް އާޓްސް އާއި ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަކުރާނެ ގޮތުގެ ތަމްރީނުތައް ހަދަމުން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ މައިގަނޑު ވިލަންގެ ރޯލުން ފެންނާނީ އައިޝްވަރީ އެވެ.
"ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޒަފަރުގެ މި ފިލްމުގައި އަހާން ފެންނާނީ މުޅިން ތަފާތު، ހައިރާންކުރުވަނިވި ސިފައެއްގައި ކަމަށް ޚަބަރުތަކުގައިވެ އެވެ. އަދި އެ ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ، ނަމަވެސް ވަރުގަދަ އެކްޝަންތަކެއް ހިމެނޭ ފިލްމެއް ކަމަށްވެ އެވެ.