އަމާޒަކީ ފުލުހުންގެ ތެރޭގައި ތަފާތުކުރުން ނެތް މާހައުލެއް ގާއިމްކޮށް ނިންމުންތައް ނިންމުމުގައި އަންހެން ފުލުހުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ވިމެން އިން ޕޯލިސިން ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސީޕީ ވިދާޅުވީ ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައި ވިޔަސް، އަންހެން އޮފިސަރުންގެ ގާބިލްކަމާއި ހުނަރުވެރިކަން ފެންނަމުންދާ ކަމަށެވެ.
އެ އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ކަންކަން ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ފުލުހުންގެ އިސްސަފުގައި އާއި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް އަންހެން އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފަހި ފުރުސަތުތައް ހޯދައިދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަން ދޭނެ ކަމެއް،" ސީޕީ ވިދާޅުވި އެވެ.
އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވައި، ސީޕީ ވިދާޅުވީ އެ މުއައްސަސާގެ އަމާޒަކީ އެންމެން ޝާމިލްވާގޮތަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ މާހައުލެއް ގާއިމްކުރުން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އަންހެން އޮފިސަރުންނަށް އާ މަގުތަކެއް ކޮށައިދީ، ފުލުހުންގެ މުއައްސަސާއަކީ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް މާހައުލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ މީގެކުރިން ފުލުހުންގެ ހިދުމަތަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ދާއިރާއެއްކަން ބެލެވުނު ނަމަވެސް މިއަދު އެ ވިސްނުން ބަދަލުވެ، އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމްކުރުމެއް ނޫން ކަމަށާއި އަދި އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ މުޖުތަމައުގައި އާންމުންގެ އިތުބާރާއި އެއްބާރުލުން އިތުރުވާނެ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އަދި އެއީ ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާފަދަ ނާޒުކު އަދި މައްސަލަތަކަށް ދެވޭ މުހިންމުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.