މާރާމާރީ ހިންގިކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މިއަދު ދޫކޮށްލައިފި އެވެ.
އޭނާ ރޭ ހައްޔަރުކުރީ ސިއްރު ކެމެރާ ހަރުކޮށްގެން ކުޑަކުދިންގެ ވީޑިއޯ ރެކޯޑްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު މަގުމަތިން ހިފަހައްޓައި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުކޮށްފައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ކޯޓުން އޭނާއަށް ކުރީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު އާންމު ގޮތެއްގައި ކުރަނީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ރަށުން ބޭރަށްދާ ނަމަ އެކަމަށް ހުއްދަ ހޯދުން ފަދަ ޝަރުތުތަކެވެ.
ކުޑަ އަންހެންކުދިންގެ ކޮޓަރީގައި ސިއްރު ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ ކަމަށް ތުހުމަތުކޮށް ސިފައިންގެ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
އެ މީހާ ކެނެރީމަގުން ހިފަހައްޓައި ގައިގައި ދެލި އުނގުޅާފައި ހުއްޓާ ނަގާފައި ހުރި ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ. މި މީހާއަށް ކުރާ ތުހުމަތާ ގުޅިގެން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.