ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެމްވީކްރައިސިސް" ގައި ދައުލަތުގެ ސިއްރު ހާމަކުރާ ކަމަށް ބުނެ، އެ މައްސަލައިގެ ތަހުގީގަށް އަހުމަދު އަޝްރަފް (ޝުމްބާ) ގެ މޮބައިލް ފޯނު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން އިއްޔެގެ މެންދުރު 1:00 ގައި ނެރުނު އަމުރެއްގެ ދަށުން، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝުމްބާގެ ފޯނު ފުލުހުން އަތުލީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކުރުމަށް ފަހު އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ޝުމްބާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމްވީކްރައިސިސް މެދުވެރިކޮށް، ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން އެދުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އެހެންވެ، ޝުމްބާ ބޭނުންކުރާ މޮބައިލް ފޯނުތަކާއި އެ ފޯނުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީ ކާޑުތަކާއި އެ ތަކެތިން ކޮށްފައިވާ މުއާމަލާތުތަކާއި މައްސަލައާ ގުޅުން ހުރި މުއާމަލާތްތައް ހޯދަން ބޭނުންވާ ކަމަށް އަމުރުގައި ވެ އެވެ.

އަމުރުގައިވާ ގޮތުން، އެމްވީކްރައިސިސް ޕޭޖު ހިންގާ ކަމުގެ ތުހުމަތު ފުލުހުން ކުރަނީ ޝުމްބާ އަށެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ހެއްކަކީ ކޯޓު އަމުރުގައިވާ ގޮތުން، އެ ޕޭޖުން ކޮށްފައިވާ ޕޯސްޓުތަކާއި އިންޓެލިޖެންސް ރިޕޯޓެވެ.

ޝުމްބާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މިހާރު ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 ބައްޔާ ގުޅޭ ގޮތުން ސަރުކާރުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ވެސް އޭނާ ބައިވެރިވެ، ސުވާލު ކުރި އެވެ.

ފުލުހުންގެ ސްޕޯކްސް ޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ޝުމްބާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެމްވީކްރައިސިސްގެ ނަމުގައި ޓެލެގްރާމްގައި ހިންގާ ގުރޫޕުން އަންނަނީ ކޮވިޑް-19 އާ ގުޅޭ ތަފާތު މައުލޫމާތުތައް ގެނެސްދެމުންނެވެ.