ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޒީފާ އަދާކުރާ މީހުންނަށް ހާއްސަކޮށްގެން އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ޕާކިން އޭރިއާއެއް ހުޅުވައިފި އެވެ.

މި ޕާކިން އޭރިއާ ހަދާފައިވަނީ ސިނަމާލޭ ބްރިޖް ހައިވޭން ގޮސް ވަދެވޭ ގޮތަށް، އެއާޕޯޓްގެ އާ ރާޑަރު ހުންނަ ހިސާބުގަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނާއި އެއާޕޯޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ބޭނުންކުރެވޭ މި ޕާކިން ޒޯނުގައި، ހަތަރު ފުރޮޅުލީ 11 އުޅަނދާއި 862 ސައިކަލް ޕާކު ކުރެވޭނެ ކަމަށެވެ. މި ޕާކިން އޭރިއާގެ ބޮޑުމިނުގައި 4،250 އަކަމީޓަރު ހުރެ އެވެ.

މިދިޔަ އަހަރު ވެސް އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ވަނީ 4،993 އަކަމީޓަރުގެ ޕާކިން ސަރަހައްދެއް ހުޅުވައިފަ އެވެ. އެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ 36 އުޅަނދާއި 830 ސައިކަލަށް ޕާކު ކުރެވެ އެވެ. މިއީ ސިނަމާލެ ބްރިޖުން މާލެ އާއި ހުޅުލެ ގުޅުވާލުމާ އެކު، ވެހިކަލްތައް އެއާޕޯޓަށް ދާ މީހުން އިތުރުވުމުން ހަދާ ޕާކިން އޭރިއާތަކެވެ.